ދުނިޔެ
މަޣްރިބްގައި ވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 37 މީހަކު މަރުވެއްޖެ
މަޣްރިބްގެ މަގުތަކުގައި ފެންބޮޑުވެފައި
މަޣްރިބްގެ އެޓްލާންޓިކް ކޯސްޓްގެ ސާފީ ޕްރޮވިންސްގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ މަދުވެގެން 37 މީހަކު މަރުވެފައިވާ ކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މީގެ ކުރިން ފާއިތުވި ހަތް އަހަރުގެ ދިގު ހަނަފަސްކަމަކަށް ފަހުގައެވެ.
ދައުލަތުގެ ބްރޯޑްކާސްޓަރު އެސްއެންއާރުޓީ ނިއުސް އިން ހޯމަ ދުވަހު ރިޕޯޓުކުރި ގޮތުގައި، އާދީއްތަ ދުވަހު ކުއްލިއަކަށް އައި ބޯ ވާރޭގެ ސަބަބުން މަދުވެގެން 14 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދީފައިވާއިރު، އޭގެ ތެރެއިން ދެ މީހަކު އިންޓެންސިވް ކެއާ ޔުނިޓުގައި އެބަ ތިއްބެވެ. ރަބާތު އާ 300 ކިލޯމީޓަރު ދެކުނަށް އޮންނަ ސާފީ ޓައުންގެ މަގުތަކުގައި ފެނުގެ ތެރެއިން ކާރުތަކާއި ކުނިފޮށިތައް ދަމައިގަންނަ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ. ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި އެންމެ ގަޑިއެއްހާއިރުގެ ބޯ ވާރޭގައި ތާރީޚީ ގަދީމީ ސިޓީގެ 70 ގެއަކާއި ވިޔަފާރިތައް ވަނީ ފެނު އަޑީއަށް ގޮސްފައެވެ.
ސާފީގެ ގަވަރުނަރޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި، އަސަރުކުރި ސަރަހައްދުތައް ރައްކާތެރިކޮށް، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެފްޕީ ނިއުސް އެޖެންސީއަށް މައުރޫއާނޭ ތާމިރު ކިޔާ ރައްޔިތަކު ބުނެފައިވާ ގޮތުގައި، ފެން ހިންދުމަށް ސަރުކާރުގެ ޓްރަކްތައް ނުފޮނުވީ ކީއްވެތޯ އޭނާ ސުވާލު އުފައްދާފައި ވެއެވެ.
މަގުތަކަށް ލިބުނު ގެއްލުމުގެ ސަބަބުން އެޓްލާންޓިކް ކޯސްޓްގެ މި ބަނދަރު ސިޓީއަށް ވަދެ ނިކުންނަ އެތައް މަގެއްގެ ދަތުރުފަތުރު ވަނީ ހުއްޓިފައެވެ.
ކަސަބްލަންކާގައި ހުންނަ ނޫސް ކުންފުނި ލެ މެޓިން އިން ބުނި ގޮތުގައި، ސާފީ އާއި ހަރާރާ (20.5 ކިލޯމީޓަރު އިރުއުތުރަށް އޮންނަ ޓައުން) ގުޅުވައިދޭ ޕްރޮވިންޝަލް ރޯޑް 2300 އަށް ވަރަށް ބޮޑަށް އަސަރުކޮށްފައި ވެއެވެ. އެ ނޫހުން ބުނި ގޮތުގައި ސާފީގައި ހުންނަ ޤައުމީ ތައުލީމުގެ ޑިރެކްޓަރޭޓުން ވަނީ ހޯމަ ދުވަހު ހުރިހާ ސްކޫލެއްގެ ކްލާސްތައް މެދުކަނޑާލާފައެވެ. އާދީއްތަ ދުވަހުގެ ރޭގެ ނިޔަލަށް ފެން ހިންދާފައިވާއިރު، ރައްޔިތުން ދަނީ އެމީހުންގެ ތަކެތި ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންނެވެ. އިތުރު ގެއްލުން ލިބުނު މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، މޫސުމާބެހޭ އިދާރާއިން ވަނީ އަންގާރަ ދުވަހުވެސް ޤައުމުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ.
މަޣްރިބްގައި މިހާރު ދަނީ އެޓްލަސް ފަރުބަދަތަކުގައި ބޯކޮށް ވާރޭވެހި، ގަދަޔަށް ގަނޑުފެން ވެހެމުންނެވެ. މީގެ ކުރިން 2024 ވަނަ އަހަރަކީ މަޣްރިބްގެ ތާރީޚުގައިވެސް އެންމެ ހޫނު އަހަރު ކަމަށް އެ ޤައުމުގެ މޫސުމާބެހޭ އާންމު އިދާރާއިން ވަނީ ބުނެފައެވެ. މީގެ ކުރިން 2021 ވަނަ އަހަރު ބޯކޮށް ވާރޭވެހުމުގެ ސަބަބުން 24 މީހުން މަރުވެފައިވާއިރު، އެއީ ޓެންޖިއާގައި ހުންނަ އަމިއްލަ ގެއެއްގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ހިންގި ފޮތިގަނޑު ވޯކްޝޮޕެއްގައި ފެންބޮޑުވުމުގެ ސަބަބުންނެވެ.
އަދި 2014 އަދި 2015 ވަނަ އަހަރުވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަޣްރިބްގެ އެކި ހިސާބުތަކަށް ވަނީ ފެންބޮޑުވެފައެވެ. މި ހާދިސާ ހިނގާފައިވަނީ، މިދިޔަ ހަފްތާގައި މަޣްރިބްގެ ތާރީޚީ ސިޓީ ފޭސްގައި ދެ އިމާރާތެއް ވެއްޓުމުގެ ސަބަބުން 19 މީހުން މަރުވެ 16 މީހުން ޒަޚަމްވި ހާދިސާއަށް ފަހުގައެވެ.