Ads by Stelco

ޚަބަރު

ދެ ހަފުތާ ތެރޭ ސްކޭމްގެ 98 މައްސަލަ، މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފައިވޭ!

ދެ ހަފުތާ ތެރޭ ސްކޭމްގެ 98 މައްސަލަ، މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފައިވޭ!

ސްކޭމް.

farudhun logo

ފަރުދުން

15 ޑިސެމްބަރު 2025، 05:39

15 ޑިސެމްބަރު 2025، 05:39

ހިނގަމުން މިދާ ޑިސެންބަރު މަހުގެ މިހައިތަނަށް، ސްކޭމްކޮށްގެން، މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން ޢާންމުކޮށްފައިވާ ޙިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 14ވަނަ ދުވަހުގެ (އިއްޔެގެ) ނިޔަލަށް، ސްކޭމްގެ 98 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

އެ މައްސަލަތަކުގައި ޖުމުލަ 1،429،651.50 (އެއް މިލިޔަން ހަތަރު ލައްކަ އޮނަ ތިރީސް ހާސް ހަ ސަތޭކަ ފަންސާސް އެއް ރުފިޔާ ފަންސާސް ލާރި) ފޭރިގެންފައިވާއިރު، އޭގެ ތެރެއިން 281،461.80 (ދެ ލައްކަ އަށްޑިހަ އެއް ހާސް ހަތަރު ސަތޭކަ ފަސް ދޮޅަސް އެއް ރުފިޔާ އަށްޑިހަ ލާރި) އަނބުރާ ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަނބުރާ ހޯދުނު ފައިސާއަކީ ފޭރިގަތް ޖުމުލަ ޢަދަދުގެ ގާތްގަނޑަކަށް 19.6 އިންސައްތައެވެ.

މި މަހުގެ މިހައިތަނަށް ރިޕޯޓުކުރި ސްކޭމްގެ ބާވަތްތައް:

  •  އީ-ކޮމަރސް: 32 މައްސަލަ
  • ފިޝިންގ ލިންކް ބޭނުންކޮށްގެން: 11 މައްސަލަ
  • ކަރަންސީ އެކްސްޗޭންޖް: 10 މައްސަލަ
  • އޮޅުވާލައިގެން އެހެން މީހެއްގެ ނަމުގައި ފައިސާ ހޯދުން: 28 މައްސަލަ
  • އެހެނިހެން: 28 މައްސަލަ

ސްކޭމްކުރަން ބޭނުންކޮށްފައިވާ މައިގަނޑު ވަސީލަތްތައް:

  • ފޯނު ކޯލް
  • އައިބޭ
  • އޮންލައިން މެސެޖިންގ މަންސަތައް
  • ފިޝިންގ ލިންކް
  • ފޭސްބުކް މާކެޓްޕްލޭސް

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް، ކަމާ ބެހޭ ފަރާތްތަކުން އަބަދު ވެސް އަންނަނީ އިރުޝާދު ދެމުންނެވެ.

އެ ގޮތުން، ގޮތް ނޭނގޭ އެއްވެސް ލިންކަކަށް ނުފިތުމަށާއި، ތިމާގެ ވެރިފިކޭޝަން ކޯޑު އެއްވެސް މީހަކާ ޙިއްޞާ ނުކުރުމަށާއި، ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް މަޢުލޫމާތު ޙިއްޞާކުރުމުގެ ކުރީން ސަމާލުވުމަށް، ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން، ސްކޭމްގެ ޝިކާރައަކަށް ވެއްޖެ ޙާލަތުގައި، އަވަހަށް ފުލުހުންނަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން