ޚަބަރު
ފަވަރަ ޚިދުމަތް މިރޭ ދަންވަރު މެދުކެނޑިދާނެ: އެމްއެމްއޭ
އެމްއެމްއޭ / ފޮޓޯ: ސަން
މެއިންޓެނަންސް މަސައްކަތެއް ކުރުމަށް ހަމަޖެހިފައި ވާތީ، ފަވަރަ ޚިދުމަތް މިރޭ ދަންވަރު މެދުކެނޑިދާނެކަމަށް، މަރުކަޒީ ބޭންކް، އެމްއެމްއޭއިން ހާމަކޮށްފިއެވެ.
އެ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މެއިންޓެނަންސް މަސައްކަތް ކުރިޔަށް ދާނީ މިރޭ 11:45އިން ފެށިގެން މެންދަމުން އަލިވެ 2:00އާ ހަމައަށެވެ. އެހެންކަމުން މި ވަގުތުތަކުގައި އެ ޚިދުމަތަށް ބުރޫ އެރުން އެކަށީގެންވާކަމަށް ވަނީ ހާމަކޮށްފައެވެ.
އެގޮތުން، މި ވަގުތުތަކުގައި ފައިސާ ފޮނުވުމަށް ހޭދަވާ ވަގުތު އިތުރުވުން ނޫނީ ފައިސާ ފޮނުވުމުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ވެސް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.
Favara will undergo a planned maintenance tonight from 11:45pm to 2:00am. Users may experience delays or interruptions. We sincerely apologize for any inconvenience this may cause.
— Favara - MIPS (@Favara_MIPS) December 15, 2025
ފަވަރައަކީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވުމަށް އެމްއެމްއޭއިން ދެމުން އަންނަ ޚިދުމަތެކެވެ. މިއީ ފަސޭހަ، އަވަސް، އަދި ރައްކާތެރި ޕޭމަންޓް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެމްއެމްއޭއިން ފަށާފައިވާ ޚިދުމަތެއްކަމަށް އެ ބޭންކުން ހާމަކޮށްފައި ވެއެވެ. އެގޮތުން މި ޚިދުމަތް ފަށާފައިވަނީ 26 އޮގަސްޓް 2023 ގައެވެ.
ތިން ބޭންކާއެކު ފަވަރަ ޚިދުމަތް ފެށި ނަމަވެސް، މި ޚިދުމަތް މިހާރު ވަނީ 7 ބޭންކަކަށް ފުޅާކޮށްފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ބޭންކް އޮފް ސިލޯން، ހަބީބް ބޭންކް ލިމިޓެޑް އަދި މޮރިޝަސް ކޮމާޝަލް ބޭންކުގެ ކަސްޓަމަރުންނަށް މި ޚިދުމަތް މިހާރު ލިބެއެވެ. މީގެ އިތުރުން ދިރާގުގެ ފިންޓެކް ކަސްޓަމަރުންނަށް ވެސް މި ޚިދުމަތް ލިބެއެވެ.