ޚަބަރު
ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައިވަނީ ވަރުގަދަ ގުޅުމެއް: ނައިބު ރައީސް
ރައީސުލްޖުމްހޫރިއްޔާގ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
15 ޑިސެމްބަރު 2025، 09:54
15 ޑިސެމްބަރު 2025، 09:54
ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައިވަނީ ވަރުގަދަ ގުޅުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސް (ތިންވަނަ)ގެ އުފަންދުވަސް ފާހަގަކުރުމަށް، މާލޭގައި ހުންނަ އިނގިރޭސި ވިލާތުގެ ހައިކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ދިވެހި ރާއްޖެއާއި އިނގިރޭސި ވިލާތާ ދެމެދުގައިވަނީ ޒަމާންވީ ބަދަހި ގުޅުމެއްކަމަށާ މި ގުޅުން ބިނާވެގެންވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ހަރުދަނާ އެކުވެރިކަމާ، އިތުބާރާއި، އަދި ދެ ޤައުމުން ބައިވެރިވާ، ދުނިޔޭގެ ޞުލްޙަ މަސަލަސްކަމާ ހަމަޖެހުމުގެ އަސާސްތަކުގެ މަތީގައި ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހިޒް މެޖަސްޓީ ކިންގް ޗާލްސް (ތިންވަނަ) އަށް ތަހުނިޔާއާއި، ހެޔޮއެދުންތައް އަރިސް ކުރައްވާފައިވެއެވެ. އަދި ތިމާވެށި ޙިމާޔަތް ކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، އަދި އާސާރީ ތަރިކަ ރައްކާތެރިކުރުމަށް، ކިންގް ޗާލްސް (ތިންވަނަ) ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވައި، އެކަންކަމަކީ، ދިވެހި ރާއްޖެއިންވެސް ވަރަށް އިސްކަންދެއްވާ ކަންތައްތަކެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އަހަރަކީ، އިނގިރޭސި ވިލާތާއި، ދިވެހި ރާއްޖެއާ ދެމެދު، ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރުކަން ރައީސުލް ޖުމުހޫރިއްޔާގެ ނައިބު، ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ތަރައްޤީއާއި، ސަޤާފަތް ދިރުވައި އާލާކުރުމުގެ ބިންގަލުގެ މަތީގައި، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުންތައް، ދާދި ފަހުން ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުން ތަކުގެ ތެރެއިން އިތުރަށް ވަރުގަދަ ވެފައިވާކަމަށެވެ.
1965 ވަނަ އަހަރުގެ ޖުލައިމަހު، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުކަމުގެ އެގްރިމެންޓްގައި، ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބޭނުންކުރެއްވި ދެ ގޮނޑިކޮޅު، ދިވެހި ރާއްޖެއާ ޙަވާލުކުރެއްވުމަކީ، ވިސްނުންތެރިކަމާއެކު އެޅުއްވި ރަމްޒީ ފިޔަވަޅެއްކަން ފާހަގަ ކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ވަނީ އިނގިރޭސި ވިލާތުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ.