Ads by Stelco

ޚަބަރު

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި 10 މީހެއްގެ މައްޗަށް ދަޢުވާކޮށްފި

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި 10 މީހެއްގެ މައްޗަށް ދަޢުވާކޮށްފި

ކްރިމިނަލް ކޯޓު / ފޮޓޯ: އަދަދު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 ޑިސެމްބަރު 2025، 11:10

15 ޑިސެމްބަރު 2025، 11:10

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓާރމިނަލްގައި ހުއްޓާ ގެއްލުނު ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓުގައި ދަޢުވާ އުފުލައިފިއެވެ. މި މައްސަލައިގެ ދައުވާ އުފުލާފައި ވަނީ 15 ޑިސެންބަރު 2025ގައެވެ.

މި މައްސަލައިގައި 11 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލައިގައި ހިމެނޭ، ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފުގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާކަމަށް ނުފެންނާތީ އޭނާގެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލާފައި ވާނެކަމަށް ޕީޖީއިން މަޢުލޫމާތު ދެއެވެ.

މި މައްސަލައިގައި 6 މީހެއްގެ މައްޗަށް 2 ދަޢުވާއެއް އުފުލާފައި ވެއެވެ. އެގޮތުން ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފާއި، ހ. ނިއުހެޕިނަސް، މުޢާޛު ޢަލީގެ މައްޗަށް އުފުލާފައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން / ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުން / ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި ދެން ދެ ދަޢުވާ އުފުލާފައި ވަނީ ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަޙްމަދު ފިރުސާންގެ މައްޗަށެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން / ވައްކަންކުރުމުގެ ކުށުގެ ދަޢުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން / ވައްކަންކުރުމަށް ރޭވުމުގެ  ކުށުގެ ދަޢުވާއެވެ. 

އަދި މި މައްސަލައިގައި ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙުއާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދުގެ މައްޗަށް ދަޢުވާކޮށްފައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން / ވައްކަންކުރުމުގެ ކުށުގެ ދަޢުވާއެވެ. މީގެ އިތުރުން، ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން، ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާގެ މައްޗަށް ކޮށްފައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުން / ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ. 

އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ސިނގިރޭޓު ސްޓިކްގެ ޖުމްލަ އަދަދު 13.6 މިލިއަނަށް އަރައެވެ. މި ސިނގިރޭޓުތައް ހުރީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި، 1،360 ކޭސް ސިނގިރޭޓުގެ ގޮތުގައެވެ. ކަސްޓަމްސްއިން ބުނެފައިވާ ގޮތުން، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މި ޝިޕްމެންޓުގެ ޑިއުޓީއަށް 13.6 މިލިއަން ރުފިޔާ އަރާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން