ޚަބަރު
ފުލުހުންގެ 41 ވަނަ އަސާސީ ކޯހުން 185 އޮފިސަރަކު ދަސްވެނިވެއްޖެ
ފުލުހުންގެ 41ވަނަ އަސާސީ ކޯހުގެ ދަސްވެނިވުމުގެ ތެރެއިން. ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތަށް އާ އޮފިސަރުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދިޔަ އަސާސީ ތަމްރީން ކޯހުގެ 41 ވަނަ ބެޗުގެ ކިޔެވުން ނިންމައި، 185 ފުލުހުން ދަސްވެނިވެއްޖެއެވެ.
މިކަމަށްޓަކައި ބޭއްވި ޝަރަފުގެ ހިނގާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
މި ކޯސް ފެށިފައިވަނީ މިދިޔަ އޯގަސްޓް މަހު އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ މަރުކަޒުގައެވެ. ކޯހުގައި ޖުމްލަ 210 ފުލުހުން ބައިވެރިވި ނަމަވެސް، ކޯސް ފުރިހަމަކުރީ 185 ދަރިވަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ 107 ފިރިހެން ފުލުހުންނާއި 78 އަންހެން ފުލުހުންނެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވަޒީރު އަލީ އިޙްސާންގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނާވީނާއި، ބޭރުގެ ސަފީރުންނާއި، ފުލުހުންގެ މުއައްސަސާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ކޯހުން ފާހަގަކުރެވުނު މޮޅެތި ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ.
ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ގއ. ގެމަނަފުށީގެ އުމުރުން 22 އަހަރުގެ އިމްޝާ ޢަބްދުއްލަތީފްއެވެ. އިމްޝާއަށް އެންމެ މޮޅު ދަރިވަރަށް ދޭ ހަނދާނީ ފިލާ ހަވާލުކުރެއްވީ ވަޒީރު އަލީ އިޙްސާނެވެ. މީގެ އިތުރުން، ކޯހުގެ އެއްވަނަ ހޯދުމާއެކު، އިމްޝާއަށް ވަނީ ކޮމިޝަނަރސް އެކްސެލެންސް އެވޯޑުވެސް ލިބިފައެވެ. މި އެވޯޑު ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީނެވެ.
މާއްދާތަކުން އެންމެ މޮޅު ދަރިވަރުންނަށް ބަލާއިރު، އިންޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ސަރޖެންޓް މަރިޔަމް ލުއުލުއާ މުޙައްމަދެވެ. އަދި އައުޓްޑޯ މާއްދާތަކުން އެއްވަނަ ހޯދީ ކޮންސްޓަބަލް އަލްޔާ އަހުމަދެވެ. މިފަހަރުގެ ކޯހުގައި ހުރިހާ ގޮތަކުން އެންމެ ރަނގަޅު ސްކޮޑަކަށް ހޮވިފައިވަނީ، އައިނެއްލާ ސްކޮޑްއެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ، ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް، ޤާނޫނާއި ގަވާއިދުތަކާއި ފުލުހުންގެ މަސައްކަތާ ގުޅުންހުރި އިލްމީ ޤާބިލުކަމާއި ހުނަރު ލިބިދިނުމަށް ކުރިއަށް ގެންދާ މުހިންމު ކޯހެކެވެ.