Ads by Stelco

ޚަބަރު

ދިވެހިންގެ ލޯތްބާ އިޙްތިރާމް ދައްކުވައިދީ ޝައިޚް އިބްރާހިމްގެ ފަރުވާއަށް ބޭނުންވާ 4 ލައްކަ ރުފިޔާ ހަމަކޮށްދީފި

ދިވެހިންގެ ލޯތްބާ އިޙްތިރާމް ދައްކުވައިދީ ޝައިޚް އިބްރާހިމްގެ ފަރުވާއަށް ބޭނުންވާ 4 ލައްކަ ރުފިޔާ ހަމަކޮށްދީފި

ޝައިޚް އިބްރާހިމް މުޙައްމަދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޑިސެމްބަރު 2025، 10:35

16 ޑިސެމްބަރު 2025، 10:35

ޅ. އަތޮޅު ނައިފަރަށް ނިސްބަތްވެ ވަޑައިގަންނަވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް މުޙައްމަދު އިބްރާހިމް (ނައިފަރީ)ގެ ދެ ލޮލުގެ ފެނުން ގެއްލި ފަރުވާ ހޯދުމަށް ބޭނުންވާ ހަތަރު ލައްކަ ރުފިޔާ، އެންމެ 13 ގަޑިއިރުގެ ތެރޭގައި ހަމަކޮށްދީފިއެވެ.

މިކަމުން ދައްކުވައިދެނީ ދިވެހި ރައްޔިތުންގެ ފަރާތުން ޝައިޚަށް ލިބިފައިވާ ލޯތްބާއި އިޚްތިރާމެވެ.

ޝެއިޚް މުޙައްމަދު އިބްރާހިމްގެ ދެ ލޮލުގެ ފެނުން ގެއްލިފައިވާތީ، އެކަމަށް ފަރުވާ ހޯދުމަށް އެހީ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ "އެހީ" ޖަމިއްޔާއިންނެވެ. މި މަސައްކަތަށް ޚާއްސަކޮށް، ފައިސާ ލިބޭ މިންވަރު ވަގުތުން ބަލާލެވޭނެ "އެދިހަ" ނަމަކަށް ކިޔާ ޚާއްސަ ޕޯޓަލެއް ވެސް އެ ޖަމިއްޔާއިން ވަނީ ތައްޔާރުކޮށްފައެވެ. އިއްޔެ މި އެހީ ހޯދުމުގެ މަސައްކަތް ފެށިއިރު، އެހީ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ޝެއިޚްގެ ފަރުވާގެ ފުރަތަމަ ދަތުރަށް ބޭނުންވަނީ 20،000 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 308،000 ރުފިޔާއެވެ.

ނަމަވެސް، ދިވެހި ރައްޔިތުންގެ ތެރެއިން ލިބުނު ބޮޑު އެއްބާރުލުމާއެކު، "އެދިހަ" ޕޯޓަލުން ފެންނަ ގޮތުގައި 13 ގަޑިއިރުގެ ތެރޭގައި 407,949 ވުރެ ގިނަ ރުފިޔާ ވަނީ ޝެއިޚްގެ ފަރުވާއަށް ލިބިފައެވެ. މިއީ ޝެއިޚް ނައިފަރީއަށް ދިވެހި މުޖުތަމަޢުގައި އޮތް ޤަދަރާއި މަޤުބޫލުކަން ހާމަކޮށްދޭ ކަމެކެވެ.

ޝެއިޚް މުޙައްމަދު އިބްރާހިމަކީ ދިވެހި ދީނީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެންމެ ފުރަތަމަ ހިސްނުލް މުސްލިމްގެ ތަރުޖަމާ ދިވެހި ބަހަށް ނެރުއްވީ ޝެއިޚްއެވެ. އޭގެ އިތުރުން ކިތާބުއް ތައުހީދުގެ ދަރުސްތަކުގެ އޯޑިއޯތައް ވެސް ދިވެހިރާއްޖޭގައި ވަރަށް ބޮޑަށް ދައުރުވެފައި ވެއެވެ. ދަރުސްތަކުގެ އިތުރުން ޝެއިޚް ވަނީ ދިވެހިބަހުން އެތަކެއް ފޮތްތަކެއް ލިޔުއްވައި އަރަބި ފޮތްތައް ތަރުޖަމާ ކުރައްވާފައެވެ.

ޝެއިޚް މުހައްމަދު އިބްރާހިމް ދިވެހިބަހަށް ތަރުޖަމާ ކުރައްވާފައިވާ އަދި ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި ޙިސްނުލް މުސްލިމް، ކިތާބުއް ސިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުހީދުގެ ހުލާސާ، އަދި ކިތާބުއް ސަލާތު ފަދަ މުހިންމު އެތަކެއް ފޮތެއް ހިމެނެއެވެ. މި ފޮތްތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ދީނީ ޢިލްމު އުނގެނުމަށް ބޮޑު ފަސޭހައެއް ލިބިގެން ގޮސްފައި ވެއެވެ. މިހާ ކުރު މުއްދަތެއްގެ ތެރޭގައި ފަރުވާއަށް ބޭނުންވާ ފައިސާ ހަމަވުމަކީ، ޝެއިޚްގެ ޚިދުމަތްތަކަށް މުޖުތަމަޢު ދޭ އަގު ވަޒަންކުރެވޭ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން