ޚަބަރު
ނަޝީދުގެ ފިތުނަވެރި ވާހަކަތަކަށް ސަރުކާރުން ވަރުގަދަ ރައްދެއް: ކާޑާއި ތެލާއި ބޭސް މެދުނުކެނޑި ލިބޭނެ
ކުރީގެ ރައީސް ނަޝީދު، ސަރުކާރުގެ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު- ފޮޓޯ: ފަރުދުން
ކުރީގެ ސަރުކާރުން އިންޑިއާއިން ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޒަރީ ބިލު މިއަދު ސަރުކާރުން ފުރިހަމައަށް ދައްކައި ޚަލާސްކޮށްފައިވަނިކޮށް، ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެއްދުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ދޮގުކޮށް، މާލީ ވުޒާރާއިން އެކަމަށް ހަރުދަނާ ރައްދެއް ދީފިއެވެ.
ރައީސް މުޙައްމަދު ނަޝީދު މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާގެ މި ބޮންޑު މިއަދު ދެއްކުމާ ގުޅިގެން މާދަމާއިން ފެށިގެން އެމްއެމްއޭގެ ބޭނުންކުރެވޭ ރިޒާވް ވަރަށް ބޮޑަށް ދަށްވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ކާޑަށާއި، ތެލަށާއި، ބޭސްފަރުވާއަށް ދައްކާނެ ފައިސާ ސަރުކާރުގައި ނުހުންނާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ ހިތްތަކުގައި ބޮޑު ނުތަނަވަސްކަމެއް އުފެއްދުމަށް ނަޝީދު ވަނީ މަސައްކަތް ކުރައްވާފައެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ނަޝީދު ފަތުރުއްވަނީ އެއްވެސް އަސާސެއް ނެތްކަން ޔަގީންކޮސްދެއްވާފައެވެ. ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމުގެ މަޤްޞަދުގައި ދައްކަވާ ވާހަކަތަކެއްކަން ސާފުކޮށްދެއްވާފައެވެ. އެ މިނިސްޓްރީން ޔަޤީންކަން ދެއްވި ގޮތުގައި، ދަރަނި އަދާކުރި ނަމަވެސް ޒަރޫރީ މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި އެއްވެސް ދަތިކަމެއް ނާންނާނެއެވެ. އަދި ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހުގެ އިތުރުން މުހިންމު އެހެނިހެން މުދާތައް ވެސް އެއްވެސް ދަތިކަމެއް ނެތި، މެދުނުކެނޑި ލިބޭނެ ފުރިހަމަ އިންތިޒާމުތައް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
މިއަދު ދައްކައި އެއްކޮށް ޚަލާޞްކުރި 50 މިލިއަން ޑޮލަރަކީ، 2019 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް ނެގި 150 މިލިއަން ޑޮލަރުގެ ފެސިލިޓީގެ އެންމެ ފަހު ބައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މީގެ ތެރެއިން ޖެނުއަރީ 2024 ގައި 50 މިލިއަން ޑޮލަރު، އަދި 11 މޭ 2024 ގައި 50 މިލިއަން ޑޮލަރު ދައްކައި، މިއަދު ދެއްކި ފައިސާއާއެކު ކުރީ ސަރުކާރުގެ އެ ބޮޑު ދަރަނި އެއްކޮށް ނިންމާލައި، މާލީގޮތުން ކާމިޔާބު ހޯދާފައެވެ.
އެމްއެމްއޭގެ ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އޯގަސްޓް މަހުގެ ނިޔަލަށް ވެސް ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައި ހިފެހެއްޓިފައެވެ.
މާލީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ދަރަނި މެނޭޖްކުރަނީ ދުރާލައި ރޭވުންތެރިކަމާއެކުގައެވެ. އެގޮތުން، ޤައުމުގެ މާލީ ރައްކާތެރިކަމަށްޓަކައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރަމުންދާއިރު، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި ތަރައްޤީގެ ބައިވެރިންނާއެކު ކުރެވެމުންދާ މަޝްވަރާތައް ކާމިޔާބުވެ، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ބޮޑުތަނުން ވަރުގަދަވެގެންދާނެއެވެ.
އިދިކޮޅު ފަރާތްތަކުންނާއި ކުރީގެ ވެރިން ސިޔާސީ މަންފާއަށްޓަކައި ޙަޤީޤަތް އޮޅުވާލައި ފިތުނަ އުފައްދަން މަސައްކަތް ކުރި ނަމަވެސް، ސަރުކާރުން ދަނީ ޤައުމުގެ އިޤްތިޞާދު ހަމަމަގަށް އަޅުވައި، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފުރިހަމަކަމާއެކު ކަށަވަރުކޮށްދެމުންނެވެ.