ޚަބަރު
ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖޭއެސްސީން ހުޅުވާލައިފި
ކްރިމިނަލް ކޯޓު/ފޮޓޯ: ދަ ޓައިމްސް އޮފް އައްޑޫ
ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
ޖޭއެސްސީއިން ކުރި އިޢުލާނެއްގައި ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ހުސްވެފައިވާ ގާޒީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. މި އިޢުލާނުގައި ވާގޮތުން، އެ މަޤާމުގެ އަސާސީ މުސާރައަކީ 37،700 ރުފިޔާއެވެ. ހަމަ އެއާއެކު، ލިވިންގ އެލަވެންސްގެ ގޮތުގައި 18،000 ރުފިޔާ އާއި، ރިސްކް އެލަވެންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެ ކަމަށް ވެސް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.
މަޤާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް:
- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން
- ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން
- ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން
- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން
- ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން
މީގެ އިތުރުން، އެ އިޢުލާނުގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ހިމެނޭނެއެވެ. ހަމަ އެއާއެކު، ޤާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ.
މަގާމި މަޤާމަށް އެދި ހުށަހަހެޅޭނީ، 23 ޑިސެންބަރު 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.