ޚަބަރު
ދިޔަވަމުންދިޔަ ދޯންޏެއްގައި އެކަނިމާއެކަނި ދަތުރުކުރަމުން ދިޔަ ޢުމުރުން ދުވަސްވީ މީހެއް ފުލުހުން ސަލާމަތްކޮށްފި
ފުލުހުންގެ ލޯންޗެއް/ފޮޓޯ: ސަންގު
ދިޔަވަމުންދިޔަ ދޯންޏެއްގައި އެކަނިމާއެކަނި ދަތުރުކުރަމުން ދިޔަ ޢުމުރުން ދުވަސްވީ މީހެއް ދިވެހި ފުލުހުންގެ ޚިދުމަތުން ސަލާމަތްކޮށްފި އެވެ.
ފުލުހުން ވިދާޅުވީ، ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިޔަށް ދާކަމުގެ މަޢުލޫމާތު މިއަދު 11:50 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން، މި މަޢުލޫމާތު ލިމުބާއެކު، ފުލުހުންގެ ލޯންޗު އެ ސަރަޙައްދަށް ގޮސް ބަލަމުންދަނިކޮށް ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން އިތުރަށް ވިދާޅުވީ، މި މީހާއަކީ 68 އަހަރުގެ ފިރިހެނެއް ކަމަށާއި، އެމީހާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި މިހާރު ފީވަކަށް ގެންގޮސްފައިވާ ކަމަށެވެ. ހަމަ އެހެންމެ، އެމީހާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން އެމީހާ ދަތުރުކޮށްފައި ވަނީ އެކަނިކަން އެނގިފައިވާ ކަމަށެވެ.
އެމީހާ ދަތުރުކުރި ދޯނީގެ ބައެއް ތަކެތި އޮޔާ ދާތީ އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ދަތުރުކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.