ޚަބަރު
އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އާދެވޭނީ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އޮވެގެން: އިމިގްރޭޝަން
އިމިގްރޭޝަންގެ ޚިދުމަތް ދެނީ/ފޮޓޯ: އިމިގްރޭޝަން
އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އާދެވޭނީ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް އޮވެގެންކަމަށް މޯލްޑިވްސް އިމިގްރޭޝަންނުން ވިދާޅުވެއްޖެއެވެ.
އީ-ވީޒާގެ ޚިދުމަތް ތަޢާރަފުކުރުމާއި ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތައް އަދި ވަޒީފާ ދޭފަރާތްތަކުގެ ސަމާލުކަމަށް ގިނަ ކަންތައްތަކެއް އިމިްގރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން، އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެއަންނަ ބިދޭސީއެއްނަމަ، އެ ބިދޭސީއަކަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ އެ ބިދޭސީއަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް ލިބިފައިވާ ބިދޭސީއަކަށް ވާނަމަކަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ،"އެންޓްރީ ޕާސް" ލިބިގެން ރާއްޖެއަށް އެތެރެވާ ބިދޭސީން އެތެރެވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި ވާރކް ވީޒާއަށް އެދި ހުށަހެޅުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތްކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ ޒިންމާއެއްކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވިޒާއެއް އޮތް ނަމަވެސް، ވާރކް ވީޒާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތް ބިދޭސީންނަށްކަމަށް ވިދާޅުވިއެވެ. އަދި ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް އޮތް ނަމަވެސް، ވާރކް ވީޒާގައި ރާއްޖޭން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތް ބިދޭސީންނަަށްކަން އިމިގްރޭޝަނުން ޢާންމުކުރި މަޢުލޫމާތުގައިވެއެވެ.
އިމިގްރޭޝަނޔން ވަނީ އެ އިދާރާގެ ވެބްސައިޓް، www.immigration.gov.mv/visa/status މެދުވެރިކޮށް އީ-ވީޒާގެ ޞައްޙަކަން ކަށަވަރު ކުރުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ. ހަމަ އެހެންމެ، އީ-ވީޒާގެ ޚިދުމަތްތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެ އިދާރާގެ ނަންބަރު 1434، 9199157 ނުވަތަ 9919153 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން އެ މަޢުލޫމާތު ސާފުކުރެއްވުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
ރާއްޖޭގައި އީ-ވީޒާގެ ޚިދުމަތް ތަޢާރަފްކޮށްފައި ވަނީ މދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ރާއްޖެއަކީ މި ސަރަަޙައްދުގައި އީ ވީޒާގެ ޚިދުމަތް ތަޢާރަފްކުރި ފުރަތަމަ ޤައުމެވެ.