ރިޕޯޓް
ހަފުތާ 104: ރާއްޖޭގެ މިނިވަންކަމާއި ދިފާޢީ ދާއިރާ ވަރުގަދަކުރުމަށް މުހިންމު ފިޔަވަޅުތަކެއް!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ދުވަސް ވޭތުވެފައިވާއިރު، ރާއްޖޭގެ ދިފާޢީ ދާއިރާ ވަރުގަދަކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް ވަނީ އެޅިފައެވެ.
ފަރުދުން
17 ޑިސެމްބަރު 2025، 06:02
17 ޑިސެމްބަރު 2025، 06:02
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 104 ހަފުތާ ފުރުނުއިރު، ރާއްޖޭގެ ގިނަ ދާއިރާތަކަކަށް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ގެނެސްދެއްވާފައެވެ. އޭގެ ތެރެއިން ދިފާޢީ ދާއިރާގައި މިދިޔަ ދެ އަހަރު ތެރޭ ހޯދުނު ކާމިޔާބީތައް، ދިފާޢީ ވުޒާރާއިން މިހާރު ވަނީ ޢާންމުކޮށްފައެވެ. އެ ކަންކަމުގެ ތެރޭގައި، ދިފާޢީ ވުޒާރާއަށް ލިބުނު ކުރިއެރުންތަކާއި، އަދި ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ކުރެވުނު މަސައްކަތްތައް ވެސް ހިމެނެއެވެ.
ސަރުކާރުގެ ފުރަތަމަ އަހަރު ދިފާޢީ ވުޒާރާއިން ކުރި މުހިންމު މަސައްކަތްތަކުގެ ޚުލާޞާ
އަދުގެ ސަރުކާރު ވެރިކަމާ ޙަވާލުވެ ވޭތުވި ފުރަތަމަ އަހަރު ތެރޭގައި، ދިފާޢީ ވުޒާރާއިން ވަނީ މުހިންމު ކުރިއެރުންތަކެއް ހޯދާފައެވެ. މި ގޮތުން، ރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކުރުމަށްޓަކައި، ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭގައި ދިފާޢީ ވުޒާރާއިން ވަނީ ޤައުމީ ދިފާޢީ އިސްތިރާޖެއް ނުވަތަ ނޭޝަނަލް ޑިފެންސް ސްޓްރެޓެޖީއެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. އެ އިސްތިރާޖު އެކުލަވައި ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރެވެމުންނެވެ. ހަމަ މި ބީދައިން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ނޭޝަނަލް މެރިޓައިމް ސްޓްރެޓެޖީއެއް އެކުލަވާލަން ފަށައި، މިހާރު ވަނީ އޭގެ ވަރކިންގ ޑްރާފްޓް ނިމިފައެވެ. މީގެ އިތުރުން، ސަރުކާރުގެ ފުރަތަމަ އަހަރު ދިފާޢީ ވުޒާރާއިން ކާމިޔާބުކުރި އެންމެ ފާހަގަކޮށްލެވޭ އެއް ލަނޑުދަނޑިއަކީ، މަސްއައިން ދަތުރުކުރާ ގޮތުގެ މަޢުލޫމާތު ޙިއްޞާކުރުމަށާއި، މަސްވެރީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، "ރަސް އައިން"ގެ ނަމުގައި ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކުރުމެވެ.

ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމާ އެއްގޮތްވާ ގޮތުގެ މަތީން، އެއާޕޯޓުތަކުގެ އޭވިއޭޝަން ސެކިއުރިޓީ ކޮންޓިންޖެންސީ ޕްލޭނެއް ތައްޔާރުކޮށް، އެ ޕްލޭނާ އެއްގޮތަށް އޭވިއޭޝަން ސެކިއުރިޓީ ކޮންޓިންޖެންސީ އެކްސަސައިޒްތައް ހިންގުމަކީ ވެސް ވުޒާރާއިން ކޮށްފައިވާ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ޔުނިވަރސަލް ސެކިއުރިޓީ އޮޑިޓް ޕްރޮގްރާމްގެ ދަށުން 24 މެއި 2024އިން 05 ޖޫން 2024އަށް ދިވެހިރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ރެގިއުލޭޓަރީ ކޮންޕްލައިއަންސް ލެވެލް ދެނެގަތުމަށްޓަކައި ވުޒާރާގެ ފަރާތުން އޮޑިޓް ހިންގައި، އަދި އައިކާއޯ އެނެކްސް 17ގެ ކޮންޕްލައިއަންސް އިންޑިކޭޓަރއިން ރާއްޖެއަށް އޮޑިޓްގެ ނަތީޖާގެ ގޮތުގައި %80.40 ވަނީ ލިބިފައެވެ. އަދި މާލޭގައި ވިއްސާރަވެ ފެންބޮޑުވާ ދުވަސްވަރު ކުރިމަތިވާ ތަކުލީފުތަކަށް ޙައްލު ހޯދުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އަމުރުފުޅަށް، ވުޒާރާއިން ވަނީ މާލޭގެ މަގުތަކުގެ ފެން ހިންދާ ނިޒާމު ތަރައްޤީކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ވުޒާރާގެ އިސްނެގުމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތުގައި، ޤައުމީ ޢަސްކަރިއްޔާއާއި ޢިމާރާތްކުރުމާ ބެހޭ ވުޒާރާއިން ފަންނީ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.

ސަރުކާރުގެ ފުރަތަމަ އަހަރު ޤައުމީ ދިފާޢީ ބާރުން ކުރި މުހިންމު މަސައްކަތްތަކުގެ ޚުލާޞާ
ޖުމުލަ ކާމިޔާބީތައް
ސަރުކާރުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް.)އިން ޖުމުލަ ގޮތެއްގައި ޙާޞިލުކޮށްފައިވާ ބައެއް ކާމިޔާބީތަކަށް ބަލައިލާއިރު، ރާއްޖޭގެ ވައިގެ ސަރަޙައްދު ޙިމާޔަތްކޮށް، ބޭރުގެ ޢަސްކަރިއްޔާތަކަށް ވާން ޖެހޭ ބަރޯސާ ކުޑަކުރުމަށްޓަކައި، ދިވެހި ޢަސްކަރިއްޔާގެ ކޮމާންޑަރ އިން ޗީފް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، "އެއާ ކޯ" އުފައްދަވާފައެވެ. އެއާ ކޯ އިތުރަށް ހަރުދަނާކުރުމަށްޓަކައި، ރާއްޖޭގެ ދެކުނުގައި އެއާ ކޯ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، ލޯންގ ރޭންޖް އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލް ޚިދުމަތަށް ނެރެވި، ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ބެލެހެއްޓުމުގެ އަމިއްލަ ޤާބިލިއްޔަތު މިހާރު ވަނީ ޤާއިމުކުރެވިފައެވެ. އަދި ހަމަ އެހެންމެ، ވީހައި ވެސް ފުރިހަމަ ގޮތެއްގައި އެމް.އެން.ޑީ.އެފް.ގެ ޚިދުމަތް ދިވެހީންނަށް ފޯރުކޮށްދިނުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމް.އެން.ޑީ.އެފް. ކޮމްޕޮސިޓް ޕޯސްޓްތައް ޤާއިމުކުރުމަށް ސަރުކާރުގެ ފުރަތަމަ އަހަރު ވަނީ ނިންމާފައެވެ. އަދި ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމެއް އެކުލަވާލަން ނިންމުމާއި، ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖެއިން ބޭރު ސިފައިން ބޭލުމަކީ ވެސް، އެމް.އެން.ޑީ.އެފް.އިން ކޮށްފައިވާ މުހިންމު މަސައްކަތްތަކެކެވެ. މި ގޮތުން، އެމް.އެން.ޑީ.އެފް.ގެ ވައިގެ އުޅަނދުފަހަރުގައި ތިބި ބޭރު ސިފައިން ބާލުވައި، އެ މީހުންގެ ބަދަލުގައި ސިވިލް މުވައްޒަފުން ވަނީ އިސްތިޚުދާމުކުރަން ފަށާފައެވެ.

ކޯސްޓްގާޑުގެ ކުރިއެރުންތައް
ކޯސްޓްގާޑުގެ ޚިދުމަތް ފުޅާކުރުމަށްޓަކައި، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ގިނަ ކަންތައްތަކެއް ވަނީ ކުރެވިފައެވެ. މީގެ ތެރޭގައި، ކޯސްޓްގާޑުގެ ބޭނުމަށް، ކ. ކަނޑުއޮތްގިރި އެމް.އެން.ޑީ.އެފް.އާ ޙަވާލުކުރުމާއި، ކޯސްޓްގާޑް ހާބަރ ކްރާފްޓް ފްލީޓް އާކުރުމަށްޓަކައި ޚާއްޞަ ޕްރޮޕޯޒަލެއް ތައްޔާރުކޮށް، ފްލީޓް އާކުރުމުގެ މަސައްކަތް ފަށާފައިވުން ހިމެނެއެވެ. މީގެ އިތުރުން، ކޯސްޓްގާޑް ސްޕެޝަލް އޮޕަރޭޝަން ފޯސްގެ ގޮތުގައި '"ސްޕެޝަލް ބޯޓް ސްކޮޑްރަން" ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭ އިފްތިތާޙުކޮށްދެއްވާފައެވެ. އަދި ކޯސްޓްގާޑްގެ އޮޕަރޭޝަނަށް ބޭނުންވާ ގިނަ ޢަދަދެއްގެ ކޮމިއުނިކޭޝަން އާލާތްތަކާއި، ޑައިވިންގއަށް ބޭނުންވާ ތަކެތި ޖަޕާނުގެ އެހީގައި ވަނީ ގެނެވިފައެވެ. އަދި ހަމަ އެހެންމެ، ހުޅުމާލޭގައި ކޯސްޓްގާޑް އުޅަނދުފަހަރު އަޅަމުންދާ ސަރަޙައްދު ހުސްކުރުމަށް އަންގާފައިވާތީ، ދާއިމީ ބަނދަރެއް ކ. ގުޅީފަޅުން ހަމަޖައްސައިދިނުމަށް އެދިފައިވާއިރު، ދިވެހިރާއްޖޭގެ ކޯސްޓަލް ސެކިއުރިޓީ އޮޕަރޭޝަންތައް އިތުރުކުރުމަށްޓަކައި އެމެރިކާ ސަރުކާރުގެ އެހީގައި ހަތަރު ކުދި އުޅަނދު ވަނީ ގެނެސްފައެވެ.

ވައިގެ ބާރުގެ ޚިދުމަތް ފުޅާކުރުން
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް އަހަރު ދުވަސް ވީއިރު، އެމް.އެން.ޑީ.އެފް.ގެ ވައިގެ ބާރުގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ވެސް މުހިންމު މަސައްކަތްތަކެއް އޮތީ ކުރެވިފައެވެ. މި ގޮތުން، ރައީސް އުފެއްދެވި "އެއާ ކޯ"އަށް ބޭނުންވާ ސިފައިން ތަމްރީނުކުރުމަށް، ތުރުކީވިލާތަށް ފޮނުވުނެވެ. މީގެ އިތުރުން، ރާއްޖޭގެ އުތުރާއި ދެކުނުގައި އެމް.އެން.ޑީ.އެފް. އެއާ ސްޓޭޝަން ޤާއިމުކުރުމަށްޓަކައި ށ. ފުނަދުއާއި އައްޑޫ ގަމުން ބިން ހޯދައި، އައްޑޫ އެއާ ސްޓޭޝަނުގެ ޢަމަލީ މަސައްކަތް ފެށުނެވެ. ސަރުކާރުގެ ފުރަތަމަ އަހަރު އެމް.އެން.ޑީ.އެފް.އަށް ވައިގެ ބާރުގެ ދާއިރާއިން ލިބުނު ޚާއްޞަ ކުރިއެރުންތަކުގެ ތެރޭގައި، ދިވެހި ޢަސްކަރިއްޔާގެ ވައިގެ އުޅަނދުފަހަރުން ބޭރު ސިފައިން ބޭލުވުމާއި، ފުރަތަމަ ފަހަރަށް އެމް.އެން.ޑީ.އެފް.ގައި އެއާ ޑިފެންސް ނިޒާމެއް ޤާއިމުކުރުމަށްޓަކައި، މުޅި ދިވެހިރާއްޖޭގެ ސަރަޙައްދު ޙިމާޔަތްކުރެވޭނެ ކޮންސެޕްޓެއް ތައްޔާރުކުރުން ފާހަގަކޮށްލެވެއެވެ.

ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކުރިއެރުންތައް
ރައީސް ޑރ. މުޢިއްޒުގެ ރިއާސީ ދައުރުފުޅުގެ ފުރަތަމަ އަހަރު އެމް.އެން.ޑީ.އެފް.ގެ ފަޔަރ އެންޑް ރެސްކިއުއިން ހޯދި ކުރިއެރުންތަކަށް ނަޒަރު ހިންގާލާއިރު، އެ މުއްދަތުގެ ތެރޭގައި، ކ. މާފުށީގައި ވަޤުތީ ފަޔަރ ސްޓޭޝަނެއް ޤާއިމުކޮށް، އަލިފާން ނިއްވުމުގެ ޚިދުމަތް ދޭން ފަށައި، އަދި އެ ރަށުގައި ދާއިމީ ފަޔަރ ސްޓޭޝަނެއް އެޅުމަށްޓަކައި ކުރެހުން ތައްޔާރުކޮށް، ޚަރަދުގެ އަންދާޒާ ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، ރ. އަތޮޅުގައި އަލިފާން ނިއްވުމުގެ ޚިދުމަތް ދިނުމަށްޓަކައި، ރ. އުނގޫފާރުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އެޓޯލް ފަޔަރ ސްޓޭޝަން އަދި ރ. މީދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އައިލެންޑް ފަޔަރ ސްޓޭޝަނަށް ޚަރަދުވާނެ ބަޖެޓުގެ އަންދާޒާއާއި، އެ ދެ ޢިމާރާތުގެ ކުރެހުން ވެސް އެމް.އެން.ޑީ.އެފް.ގެ ފަރާތުން ވަނީ ތައްޔާރުކޮށްފައެވެ.

ދިފާޢީ ބާރު ހިންގުމާއި، ޢުމްރާނީ ތަރައްޤީއަށް ކޮށްފައިވާ ޚާއްޞަ މަސައްކަތްތައް
ސަރުކާރުގެ ފުރަތަމަ އަހަރު ޤައުމީ ދިފާޢީ ބާރުގެ ހިންގުންތެރިކަމާއި، ޢުމްރާނީ ތަރައްޤީއަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ، އެމް.އެން.ޑީ.އެފް.ގެ 20 އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލައި، އެ ޕްލޭން ތަންފީޒުކުރަން ފެށުމާއި، ސިފައިންގެ ޚިދުމަތް މުޅި ރާއްޖޭގައި ފުޅާކުރުމަށްޓަކައި އެކުލަވާލެވުނު އެމް.އެން.ޑީ.އެފް. އިންސްޓަލޭޝަން ޕްލޭން ތަންފީޒުކުރަން ފެށުމާއި، ސިފްކޯ ހިޔާގެ ކުލި އެއް އަހަރު ދުވަހަށް ފަސްކުރުމެވެ. މި ކަންކަމުގެ އިތުރުން، ދިވެހި ސިފައިންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމާއި، އެމް.އެން.ޑީ.އެފް.ގެ ކެޕްސްޓޯން ޑޮކްޓްރިން އިތުރަށް މުރާޖަޢާކުރުމަށާއި އަދި އެމް.އެން.ޑީ.އެފް.ގެ ފޯސް ސްޓްރަކްޗަރ މުރާޖަޢާކުރުމަށްޓަކައި، ޑޮކްޓްރިން އެންޑް ރީފޯރމް ކޮމެޓީ އެކުލަވާލައި، މަސައްކަތް ފެށުމަކީ ވެސް ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. އެމް.އެން.ޑީ.އެފް. އޭރިއާ ކޮމާންޑްތަކުގައި 2023އިން ފެށިގެން 2027އަށް އިތުރު މަރުކަޒުތައް ޤާއިމުކުރުމަށްޓަކައި ބިން ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ފަށާފައިވާއިރު، ސިފައިންގެ ޤާނޫނު (ނަންބަރު:1/2008) އިޞްލާޙުކުރުމުގެ މަސައްކަތް ވެސް އެ މުއްދަތުގެ ތެރޭގައި ފެށުނެވެ. އަދި ހަމަ އެހެންމެ، އެމް.އެން.ޑީ.އެފް.ގެ މައި މަރުކަޒުތައް ކަމަށްވާ ބަންޑާރަކޮއްޓާއި ކަޅުތުއްކަލާކޮށީގެ ޑިވެލޮޕްމަންޓް ޕްލޭންގެ ކޮންސެޕްޓް ވަނީ ތައްޔާރުކޮށްފައެވެ. އަދި އެމް.އެން.ޑީ.އެފް.ގެ މެރިންސް އަދި ސްޕެޝަލް އޮޕަރޭޝަންސް ފޯސަޒްގެ ތަމްރީނުތަކަށް ލ. ކައްދޫގައި ޚާއްޞަކުރެވިފައިވާ މެރިންސް ޓްރެއިނިންގ ސްކޫލުގެ ފެސިލިޓީ ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ކޮންސެޕްޓް ވެސް ތައްޔާރުކޮށްފައިވެއެވެ. މީގެ އިތުރުން، ލ. ކައްދޫ ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ކޮންސެޕްޓް ތައްޔާރުކުރެވި، ބަޖެޓް ހޯދުމަށްޓަކައި ލަފާކުރި-ޚަރަދު ވަނީ ފޮނުވާފައެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ސިފައިންގެ ޚިދުމަތަށް އަލަށް ބޭނުންވާ ސިފައިން ރެކްރޫޓްކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް ވެސް، އެ އަހަރުގެ ތެރޭގައި ފެށުނެވެ.

ސަރުކާރުގެ ދެވަނަ އަހަރު ދިފާޢީ ވުޒާރާއިން ކުރި މުހިންމު މަސައްކަތްތަކުގެ ޚުލާޞާ
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ އަހަރެކޭ އެއް ފަދައިން، އެ މަނިކުފާނުގެ ދައުރުގެ ދެވަނަ އަހަރުގައި ވެސް ދިފާޢީ ވުޒާރާއިން ކުލަގަދަ ކާމިޔާބީތަކެއް ވަނީ ޙާޞިލުކޮށްފައެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ސިފައިންގެ ޢާއިލާތަކަށާއި، އެ ހަނގުރާމައިގައި ކެރުންތެރިކަން ދައްކުވައިދިނުމުގެ ސަބަބުން ޝަރަފުގެ ނިޝާން ލިބިފައި ތިބި ފަރާތްކަކަށް މާލީ ޢިނާޔަތް ދިނުމުގެ އުޞޫލު އެކުލަވާލައި، ގެޒެޓުކުރުމެވެ. މީގެ އިތުރުން، ސަރުކާރުގެ ދެވަނަ އަހަރު، "މަހޯލި ޕޯޓަލް" މެދުވެރިކޮށް ޢާންމުން ހުށަހަޅާފައިވާ 34 ހުޅަހެޅުމަކަށް ވުޒާރާއިން ވަނީ ޖަވާބު ދީފައެވެ. އަދި ހަމަ އެހެންމެ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ އިމުގެ ތެރޭގައި ނުޤަވާޢިދުން ޙަރަކާތްތެރިވެފައިވާ ޖުމުލަ 13 ބޯޓެއް ހިފަހައްޓައި، ކަމާ ގުޅޭ އިދާރާތަކަށް އެ ބޯޓުތަކުގެ މަޢުލޫމާތު ޙިއްޞާކުރެވުނެވެ. އަދި އެމް.އެން.ޑީ.އެފް.ގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާ ފަރާތްތައް ދާއިމީ މުވައްޒަފުންނަށް ބަދަލުކުރުމަށް ޤަވާޢިދެއް އެކުލަވާލައި، ކަމާ ގުޅޭ ފަރާތްތަކާ އެކު މަޝްވަރާތައް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، ސަރުކާރުގެ ދެވަނަ އަހަރުގެ ތެރޭގައި، ސިފައިންގެ ޤަވާޢިދަށާއި، ރާއްޖެއަށް ނުރައްކާތެރި ތަކެތި އެތެރެކުރުމާ ބެހޭ ޤަވާޢިދަށް ގެންނަން ޖެހޭ އިޞްލާޙުތައް ދެނެގަނެ، އެ އިޞްލާޙުތައް ގެނައުމަށް މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމު ސަލާމަތްތެރިކަމާ އެކު ދެމެހެއްޓުމަށްޓަކައި، ވައިގެ ބަނދަރުތަކާއި، އެއާލައިންތަކާއި، ސެކިއުރިޓީ ސަރވިސް ޕްރޮވައިޑަރ އަދި އެއާޕޯޓް އޮޕަރޭޓަރުންގެ މައްޗަށް އޮޑިޓް އިންސްޕެކްޝަން އަދި ޓެސްޓްތަކުގެ 19 ޙަރަކާތެއް، ސަރުކާރުގެ ދެވަނަ އަހަރުގެ ތެރޭގައި ހިންގާފައިވެއެވެ. މީގެ އިތުރުން، އޭ.އެސް.ޕީ.އާއި އޭ.އޯ.އެސް.ޕީ.އާއި ކާގޯ ސެކިއުރިޓީ ޕްރޮގްރާމް އަދި ކޭޓަރިންގ ޚިދުމަތްދޭ ފަރާތްތަކުގެ އެއާޕޯޓް ޓެނަންޓްސްގެ ސެކިއުރިޓީ ޕްލޭންތަކަށް ހުއްދަތައް ދޫކުރުމާއި، އާ ވައިގެ ބަނދަރުތަކާއި ގިމަތަތައް ހުޅުވުމުގެ ހުއްދަ ދޫކުރުމަކީ ވެސް ވުޒާރާއިން ކޮށްފައިވާ މަސައްކަތެކެވެ. އަދި ހަމަ އެހެންމެ، އޭވިއޭޝަން ސެކިއުރިޓީ ނެޝަނަލް އިންސްޓްރަކްޓަރ ސެޓްފިކޭޝަން ދިނުމާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ 89 މުވައްޒަފަކު އޭވިއޭޝަން ސެކިއުރިޓީ ސްކްރީނަރގެ ގޮތުގައި ވަނީ ސެޓިފައިކުރުން ވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި ހިމެނިގެންވެއެވެ. އޭވިއޭޝަން ސެކިއުރިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ފަންނީ ޤާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން، ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)ގެ މުވައްޒަފުން 2025ވަނަ އަހަރު 10 ޓްރެއިނިންގ ޕްރޮގްރާމެއްގައި ބައިވެރިވެފައިވެއެވެ. އަދި އެމެރިކާގެ ޓްރާންސްޕޯޓޭޝަން އެޑްމިނިސްޓްރޭޝަންގެ ހިލޭ އެހީގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އާ ގިމަތައިގެ ސެކިއުރިޓީ ސްކްރީނިންގ ޕްރޮސެސްގައި ބޭނުންކުރުމަށް، ރާއްޖެއަށް އަލަށް ތަޢާރަފުކުރެވޭ 5 ބޮޑީ ސްކޭނަރ މެޝިން ބަހައްޓާފައިވެއެވެ. އަދި މި ޕްރޮޖެކްޓްގެ ތެރެއިން 4 އެކްސްޕްލޯސިވް ޑިޓެކްޝަން މެޝިނާއި 3 ލިކުއިޑް ސްކޭނިންގ މެޝިން ރާއްޖެ ގެނައުމަށް، ފަހު މަރުޙަލާގެ މަސައްކަތްތައް ކުރެވެމުން ދެއެވެ.

ސަރުކާރުގެ ދެވަނަ އަހަރު ޤައުމީ ދިފާޢީ ބާރުން ކުރި މުހިންމު މަސައްކަތްތަކުގެ ޚުލާޞާ
ކޯސްޓްގާޑުގެ ކުރިއެރުންތައް
ކޯސްޓްގާޑުގެ ޚިދުމަތް ފުޅާކުރުމަށްޓަކައި، ސަރުކާރުގެ ދެވަނަ އަހަރު މުހިންމު މަސައްކަތްތަކެއް ކުރެވުނެވެ. މި ގޮތުން، އޮސްޓްރޭލިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، އެމް.އެން.ޑީ.އެފް. ކޯސްޓްގާޑަށް ގާޑިއަން ކްލާސްގެ އުޅަނދެއް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. މި އުޅަނދު ގެނައުމަށް ހަމަޖެހިފައިވަނީ ޖޫން 2026ގައެވެ. މީގެ އިތުރުން، ތުރުކީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޑޯގަން ކްލާސްގެ 60 މީޓަރުގެ އުޅަނދެއް ރާއްޖެ ގެނައުމަށް ފަހު، ކޯސްޓްގާޑް ޝިޕް ދަރުމަވަންތަ ގޮތުގައި އެމް.އެން.ޑީ.އެފް. ކޯސްޓްގާޑަށް ކޮމިޝަންކުރެވުނެވެ. އަދި ހަމަ އެހެންމެ، ޖަޕާން ސަރުކާރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ހަދިޔާކޮށްފައިވާ ރީކޮމްޕްރެޝަން ޗެމްބަރ ތ. ގުރައިދޫގައި ބެހެއްޓުމަށް ފަހު، އެ ރަށުގައި ސެނަހިޔަ ހައިޕަރބެރިކް ސެންޓަރެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުވައިދެއްވާފައެވެ. ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން، އެމް.އެން.ޑީ.އެފް. ކޯސްޓްގާޑަށް ހަދިޔާކުރާ ލޭންޑިންގ ކްރާފްޓް ބަނުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މި އުޅަނދު ގެނައުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 2025ގައެވެ. މީގެ އިތުރުން، އެމް.އެން.ޑީ.އެފް.ގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް، އެމެރިކާ ހިލޭ އެހީގެ ދަށުން 4 ހަރިކޭން ރިބު ލިބުނުކަމީ ވެސް، ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

އެއްގަމު ބާރު ވަރުގަދަކުރުން
ސަރުކާރުގެ ދެވަނަ އަހަރު ދިވެހި ޢަސްކަރިއްޔާގެ އެއްގަމު ބާރު ވަރުގަދަކުރުމަށްޓަކައި، އެމް.އެން.ޑީ.އެފް. މެރިން ކޯގެ ޚިދުމަތަށް 10 އާރމަޑް ވެހިކަލް އެކުވެރި ޢަރަބި އިމާރާތުން ގެނެސްފައިވެއެވެ.
ވައިގެ ބާރުގެ ޚިދުމަތް ފުޅާކުރުން
ރައީސް ޑރ. މުޢިއްޒުގެ ރިއާސީ ދައުރުގެ ދެވަނަ އަހަރު، ދިވެހި ޢަސްކަރިއްޔާގެ ވައިގެ ބާރުގެ ޚިދުމަތް ފުޅާކުރުމަށް ވެސް މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މި ގޮތުން، ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި، ރާއްޖޭގެ ދެކުނުގައި އެމް.އެން.ޑީ.އެފް.ގެ ފުރަތަމަ އެއާ ސްޓޭޝަން ޤާއިމުކުރުމަށް ސ. ގަމުން ބިން ހޯދުމަށްފަހު، އެއާ ސްޓޭޝަން ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފުރިހަމަކޮށް، ސްޓޭޝަން ހުޅުވާފައިވަނީ 28 އޮކްޓޫބަރު 2025ގައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި އިތުރު 3 އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލް (ޔޫ.ސީ.އޭ.ވީ.)، ތުރުކީވިލާތުން ވަނީ ގެނެވިފައެވެ.
ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކުރިއެރުންތައް
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ދެވަނައަށް ވީ އަހަރު ފަޔަރ އެންޑް ރެސްކިއު ސަރވިސް ކުރިއެރުވުމަށް ކުރެވުނު ކަންކަމަށް ބަލައިލާއިރު، އދ. މާމިގިލީ ފަޔަރ ސްޓޭޝަން އިފްތިތާޙުކޮށްފައިވުން ފާހަގަކޮށްލެވެއެވެ. އަދި ހަމަ އެހެންމެ، ހުޅުމާލޭގައި ފަޔަރ އެންޑް ރެސްކިއު ޚިދުމަތް ފުޅާކުރުމަށްޓަކައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗް.ޑީ.ސީ.ގެ ފަރާތުން ތިން ފަންގިފިލާގެ ފަޔަރ ސްޓޭޝަނެއް ބިނާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މި ޢިމާރާތުގެ ސްޓްރަކްޗަރަލް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ސިފައިން ޙާޞިލުކޮށްފައިވާ ޚާއްޞަ ކާމިޔާބީތައް
މިދިޔަ ނޮވެންބަރު މަހަށް ފުރިހަމަވި ރައީސް ޑރ. މުޢިއްޒުގެ ދެވަނަ އަހަރުގެ ތެރޭގައި، ދިވެހި ސިފައިން ވަނީ ފާހަގަކޮށްލެވޭ ޚާއްޞަ ކާމިޔާބީތަކެއް ޙާޞިލުކޮށްފައެވެ. މި ގޮތުން، މަދަރުސާތަކުގެ ބޭންޑުތަކަށް 6 ތަމްރީނު ޕްރޮގްރާމެއް ހިންގާފައިވެއެވެ. މީގެ ތެރޭގައި ހއ. ދިއްދޫ އަތޮޅު-ތަޢުލީމީ މަރުކަޒު، ށ. ފުނަދޫ ސްކޫލް، ލ. އަތޮޅު ތަޢުލީމީ މަރުކަޒު، ޅ. ނައިފަރު މަދަރަސަތުލްއިފްތިތާޙް، ފުވައްމުލައް ސިޓީ އަތޮޅު-ތަޢުލީމީ މަރުކަޒު އަދި އައްޑޫ ސިޓީ ސްކޫލްތައް ހިމެނޭހެން، ޖުމުލަ 388 ދަރިވަރުންނަށް ތަމްރީނު ދެވިފައިވެއެވެ. މީގެ އިތުރުން، ދައުލަތާއި ސަރުކާރުގެ މުއައްސަސާތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އިސްނެގުމުގެ ހުނަރު ތަރައްޤީކުރުމާއި، މުވައްޒަފުންގެ ޓީމްވަރކް އިތުރަށް ހަރުދަނާކޮށް، ވަރކް އެތިކްސް ހަރުދަނާކުރުމުގެ ގޮތުން، ބައިވެރިވާ މުވައްޒަފުން ގިރިފުށީ ޓްރޭނިންގއަށް ގެންގޮސް، ލީޑަރޝިޕް، ޓީމްބިލްޑިންގ، ވަރކް އެތިކްސް، ޓައިމް މެނޭޖްމެންޓް، ސެލްފް ކޮންފިޑެންސް، ބޭސިކް ފަރސްޓް އެއިޑް، ބޭސިކް ފަޔަރ އެވެއާނެސް އަދި ބައެއް ލައިފް ސްކިލްސްތައް ހިމެނޭހެން، ތިއަރެޓިކަލް އަދި ޕްރކްޓިކަލް ސެޝަންތަކުގެ ތެރެއިން ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމްތަކެއް ހިންގާފައިވެއެވެ.

ސަރުކާރުގެ ދެވަނަ އަހަރު ސިފައިން ކޮށްދިން ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި، ފަޔަރ އެންޑް ރެސްކިއުގެ ފަރާތުން ޖުމުލަ 11 ސްކޫލެއްގެ 2272 ދަރިވަރަކަށް ފަޔަރ ސޭފްޓީ އެވެއަރނެސް ޕްރޮގްރާމްތަކެއް ހިންގާފައިވެއެވެ. އަދި ކުންފުނިތަކާއި ސަރުކާރު އޮފީސްތަކާއި އަދި ޢާންމު ފަރުދުންނަށް ޚާއްޞަކޮށްގެން ފަޔަރ ސޭފްޓީ އެވެއަރނެސް ޕްރޮގްރާމްތަކެއް ހިންގާފައިވާއިރު، ޖުމުލަ 11 ދާއިރާއަކުން 977 ބައިވެރީން މި ޕްރޮގްރާމްތަކުގައި ޙިއްޞާވެފައިވެއެވެ. އަދި 5 އަހަރުން ދަށުގެ ކުޑަކުދީންނަށް ވެކްސިން ދިނުމާއި، އެ ކުދީންގެ ހެދިބޮޑުވުން މޮނީޓަރކުރުމުގެ ޚިދުމަތްތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާ ގުޅިގެން ރަސްމީކޮށް ސެނަހިޔަގައި ފެށުމަކީ ވެސް ސިފައިންގެ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. އަދި ހަމަ އެހެންމެ، ކ. ފުނަދޫގައި ޤާއިމުކުރެވިފައިވާ އެސް.ޓީ.އޯ.ގެ ތެޔޮ ސްޓޯރޭޖްތައް ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ ސްޓާފުންނަށް، މަސައްކަތުގެ މާޙައުލުގައި ދިމާވެދާނެ އެކި ކަހަލަ ޙާދިސާތަކުގައި ކުރިމަތިވާ ގެއްލުންތަކާއި ހާނިއްކަތަކުގައި ކުއްލި ފަރުވާ ދޭނެ ގޮތް ދަސްކޮށްދިނުމުގެ ގޮތުން، ސްޓޭންޑަރޑް ފަސްޓްއެއިޑް ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންދެވިފައިވެއެވެ.

އެމް.އެން.ޑީ.އެފް.ގެ އޭރިޔާ ކޮމާންޑްތަކާ އައުޓް ޕޯސްޓުތަކުގެ އިތުރުން، އެއް ޔުނިޓުން އަނެއް ޔުނިޓާ މުޢާމަލާތުކުރުމުގައި ޚަރަދު ކުޑަ އަވަސް ނިޒާމެއް ޤާއިމުކުރުމަށްޓަކައި، ޑޮކިއުމަންޓް މެނޭޖަމަންޓް ސިސްޓަމް (ޑީ.އެމް.އެސް.)އެއް ޑިވެލޮޕްކޮށް، މުޅި އެމް.އެން.ޑީ.އެފް.ގައި ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި މޯލްޑިވްސް ބްލަޑް ސަރވިސް ހިންގަމުން ދިޔަ ޢިމާރާތް ބާވުމާ ގުޅިގެން ދިމާވާ ދަތިތައް ޙައްލުކުރުމަށް، ހުޅުމާލޭގައި ހުންނަ އޮރެންޖުހިޔާގެ 3ވަނަ ފަންގިފިލާގެ ފްލޯ ޕްލޭން، މޯލްޑިވްސް ބްލަޑް ސަރވިސްގެ ރިކުއަޔަރމަންޓާ އެއްގޮތަށް ބަދަލުގެނެސް ރީޑިޒައިންކުރުމާއި، ތަނުގައި ހުރި ފާރުތައް ތަޅައި އެތެރޭގެ ޕާޓިޝަންތައް ނަގައި އާ ޕްލޭނާ އެއްގޮތަށް ޕާޓިޝަން ޖެހުމާއި، އަލަށް 5 ފާޚާނާ ހެދުމާއި، އެ ތަނުގައި ހުރި ފާޚާނާބަރި މަރާމާތުކުރުމާއި، މުޅި އޭރިއާގެ ކަރަންޓް ވަޔަރިންގއާއި ފެންވަޔަރު އަދި ނަރުދަމާ އެޅުމުގެ މަސައްކަތާއި، އެ ތަނުގެ އޭ.ސީ. އަދި ވެންޓިލޭޝަން ސިސްޓަމް އިންސްޓޯލްކުރުމުގެ މަސައްކަތްކުރުމަކީ ވެސް، ސިފައިން ކޮށްދީފައިވާ އަގުހުރި، ފާހަގަކޮށްލެވޭ ޚިދުމަތެކެވެ.

ދިފާޢީ ވުޒާރާގެ އާ ޢިމާރާތް އެޅުމުގެ ޕްރޮޖެކްޓަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، 2020 އޮގަސްޓު 19ވަނަ ދުވަހު ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރެވިގެން، 618 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ސޮފްޓް އޯޕަނިންގއެއް 26 ޖުލައި 2025ގައި ވަނީ ބާއްވާފައެވެ.
ސަރުކާރުގެ ދެވަނަ އަހަރު އެމް.އެން.ޑީ.އެފް.އިން ކޮށްފައިވާ އަދި ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ، ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމް ހިންގުން ކަން ޔަޤީނެވެ. ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި، އަޚްލާޤު ރަނގަޅު، ހަރުދަނާ، ޒުވާން ޖީލެއް ބިނާކުރުމުގެ މަޤުޞަދުގައި ހިންގޭ މި ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދެވޭ ޤައުމީ މުހިންމު މަސައްކަތެކެވެ. މި ޕްރޮގްރާމްގެ ދަށުން، ދިޔާނަތާއި، ޤައުމިއްޔަތާއި، އަމިއްލަ ނަފްސު ދިފާޢުކުރުމާއި، ޢަސްކަރީ ބައެއް އުކުޅުތަކާއި، ބަސްމޮށުންތެރިކަމުގެ ހުނަރާއި، އަލިފާން ނިއްވުމާއި، ފަރސްޓް އެއިޑް ފަަދަ އަސާސީ ކަންކަމުގައި ޒުވާނުންނަށް ތަމްރީނުދެވޭނެއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ 350 ބައިވެރީން ތަމްރީނު ފުރުހަމަކުރުމާ ގާތްވެފައިވާއިރު، ދެވަނަ ބުރަށް ބައިވެރީން ހޮވުމުގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު އަންނަނީ ކުރެވެމުންނެވެ. މި ގޮތުން، ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ދުވަސް ފުރުނުއިރު، ރާއްޖޭގެ އެކިއެކި ދާއިރާތަކުން ވަނީ ތަރައްޤީގެ ވިދުވަރު ފާޅުވެފައެވެ. އެ ގޮތުން، ރާއްޖޭގެ ދިފާޢީ ދާއިރާއަށް ވެސް، ރައީސްގެ ދައުރުގެ މިހައިތަނަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ދިފާޢީ ވުޒާރާގެ ފަރާތުން ކުރެވުނު މުހިންމު މަސައްކަތްތަކާއި، ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ޙާޞިލުކުރެވުނު ކާމިޔާބީތައް ހިމެނެއެވެ. އެ ކަންކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ޙިމާޔަތްކުރަން މަގުފަހިވެ، ދިފާޢީ ދާއިރާގެ ޚިދުމަތްތަކުގެ ފެންވަރު ވަނީ އިތުރަށް ރަނގަޅުކުރެވިފައެވެ.