ދުނިޔެ

ޣައްޒާއަށް ބޯކޮށް ވާރޭވެހި ވަގުތީ ހިޔާތަކާ ހޮސްޕިޓަލްތައް ފެންބޮޑުވެ ޣައްޒާގެ ރައްޔިތުންގެ ޙާލަތު އިތުރަށް ގޯސްވެއްޖެ

ޣައްޒާއަށް ބޯކޮށް ވާރޭވެހި ވަގުތީ ހިޔާތަކާ ހޮސްޕިޓަލްތައް ފެންބޮޑުވެ ޣައްޒާގެ ރައްޔިތުންގެ ޙާލަތު އިތުރަށް ގޯސްވެއްޖެ

ޣައްޒާގެ މަގުތަކުގައި ފެންބޮޑުވެފައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޑިސެމްބަރު 2025، 06:12

16 ޑިސެމްބަރު 2025، 06:12

ޣައްޒާއަށް ބޯކޮށް ވާރޭވެހި، ގަދަ ވަޔާއެކު، ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އާއިލާތައް ދިރިއުޅޭ ވަގުތީ ހިޔާތައް ފެންބޮޑުވެ، އިންސާނީ ހާލަތު އިތުރަށް ގޯސްވެއްޖެއެވެ.

ހޯމަ ދުވަހުގެ ރެއިން ފެށިގެން ޣައްޒާގެ ސަރަހައްދަށް ކުރަމުންދާ ގަދަ ވައިގެ ތޫފާނުގެ އަސަރުގައި ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ އާއިލާގެ ވަގުތީ ހިޔާތައް ފެންބޮޑުވެ، ބައެއް ފޭލިގެތައް ވަނީ ގަދަވައިގައި ބުރައިގެން ގޮސްފައެވެ. ސަރަހައްދީ މަސްދަރުތަކުން މިކަން ވަނީ ކަށަވަރުކޮށްދީފައެވެ.

މީގެ އިތުރުން، ޣައްޒާ ސިޓީގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލުގެ ބައެއް ސެކްޝަންތަކަށް ފެން ވަދެ، ޚާއްސަކޮށް ރިސެޕްޝަން އަދި އެމަރޖެންސީ ޑިޕާޓްމަންޓުގެ މަސައްކަތަށް ވަނީ ބުރޫ އަރާފައެވެ.

އަލް-ޝިފާ ހޮސްޕިޓަލަކީ ޣައްޒާގައި ހުރި އެންމެ ބޮޑު ޞިއްޙީ މަރުކަޒެވެ. މިތަނަށް ވަނީ އިޒްރާއީލުން ހިންގި ޤަތުލުއާންމުގެ ތެރޭގައި ތަކުރާރުކޮށް ހަމަލާދީފައެވެ.

ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބަސަލް ވިދާޅުވީ، އިޒްރާއީލުގެ ޤަތުލުއާންމުގެ ސަބަބުން ބައެއް ބައިތައް ހަލާކުވެފައިވާ އެތައް ހާސް ގެތަކެއް، ވާރޭގެ ސަބަބުން ކޮންމެ ވަގުތެއްގައި ވެއްޓިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.

ބަސަލް ވިދާޅުވީ، "މި ގެތަކަކީ ހިޔާނުލިބިފައިވާ އެތައް ހާސް ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ވަރަށް ބޮޑު ނުރައްކަލެއް." ކަމަށާއި، "މިކަމާ ގުޅޭގޮތުން ދުނިޔެއަށް ތަކުރާރުކޮށް އިންޒާރު ދީފައިވީ ނަމަވެސް، އެއްވެސް ފައިދާއެއް ނުވޭ،" ކަމަށް އޭނާ އަނަދޮލޫއަށް ވިދާޅުވިއެވެ.

ޖަބާލިއާގެ މޭޔަރު، މާޒެން އަލް-ނައްޖާރު ވިދާޅުވީ، ގެދޮރު ގެއްލިފައިވާ މީހުން މިހާރުވެސް ދިރިއުޅެމުންދާ ނާޒުކު ހާލަތުގައި، މި މޫސުމީ ބަދަލުތައް އައުމަކީ ހާލަތު އިތުރަށް ގޯސްކޮށްލާ ކަމެއް ކަމަށެވެ.

މޭޔަރު ވިދާޅުވީ، ޖަބާލިއާ އަދި އުތުރު ޣައްޒާގެ %90 އަށް ވުރެ ގިނަ އިމާރާތްތަކާއި މަގުތައް މުޅިން ހަލާކުވެފައިވާތީ، ފަލަސްތީނުގެ ރައްޔިތުންނަށް ވަނީ ވަގުތީ ހިޔާތަކުގައި ދިރިއުޅެން މަޖުބޫރުވެފައި ކަމަށެވެ. އިޒްރާއީލުގެ ޤަތުލުއާންމުގެ ސަބަބުން އުތުރު ޣައްޒާގެ ބިންގާ މުޅިން ކަނޑައެޅިގެން ގޮސްފައިވާތީ، ވާރޭވެހުމުގެ ފުރަތަމަ ގަޑިތަކުގައި މަގުތަކުގައި ފެންބޮޑުވެ، ނަރުދަމާގެ ނިޒާމުތައް ފުރިބަންދުވިއެވެ.

މޭޔަރު ވަނީ ކުރީގެ އިޒްރާއީލުގެ ހަމަލާތަކުގެ ސަބަބުން ވެއްޓިދާނެ ކަމުގެ ނުރައްކާ އޮތް އިމާރާތްތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް އިންޒާރު ދެއްވާފައެވެ. މިދިޔަ ހަފްތާގައި ވެސް ގަދަ ތޫފާނެއް ޣައްޒާއަށް އެރުމުގެ ސަބަބުން، ތިން ކުއްޖަކު ހިމެނޭ ގޮތަށް މަދުވެގެން 14 މީހުން ވަނީ ފިނިވުމާއި އިމާރާތްތައް ވެއްޓުމުގެ ސަބަބުން ޝަހީދުވެފައެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި، އިޒްރާއީލުގެ ބޮން އަޅައިގެން ބައެއް ބައިތައް ހަލާކުވެފައިވާ މަދުވެގެން 13 އިމާރާތް، ބޯ ވާރޭއާއި ގަދަ ވަޔާ ގުޅިގެން ވެއްޓުނެވެ. ގެދޮރު ގެއްލިފައިވާ 27,000 އަށް ވުރެ ގިނަ އާއިލާގެ ވަގުތީ ހިޔާ ވަނީ ފެންބޮޑުވުމާއި ގަދަ ވަޔާ ގުޅިގެން ހަލާކުވެ ނުވަތަ ބުރައިގެން ގޮސްފައެވެ. 250,000 އަށް ވުރެ ގިނަ މީހުންނަށް ވަނީ މިކަމުގެ އަސަރު ކޮށްފައެވެ.

ދެ އަހަރު ދުވަހުގެ ޤަތުލުއާންމުގައި ޣައްޒާގެ %92 ވަރަކަށް ބޯހިޔާވަހިކަން ހަލާކުކޮށްލުމަށްފަހު، އިސްރާއީލުން ވަނީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ޣައްޒާއަށް ވަގުތީ ހިޔާ އަޅަން ބޭނުންވާ ތަކެތި ގެނައުން ހުއްޓުވާފައެވެ. މިއީ އޮކްޓޯބަރު މަހު ސޮއިކުރި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ކަމެކެވެ.

 މީގެ އިތުރުން، ހަމަލާ ހުއްޓާލި ފަހުން ވެސް އިޒްރާއީލުން ވަނީ މަދުވެގެން 400 ފަލަސްތީނުގެ ރައްޔިތުން މަރާލާފައެވެ. މި ބޯ ވިއްސާރަ ފެށުމުގެ ކުރިން، އިންސާނީ އެހީގެ ޖަމްއިއްޔާތަކުން ވަނީ މިފަދަ ނުރައްކާތަކަށް އިންޒާރު ދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން