ޚަބަރު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ވޭޕްތަކާއި ދުންފަތުގެ ބާވަތްތައް ނައްތާލައިފި
ނައްތާލި ތަކެތި/ފޮޓޯ: ފުލުހުން
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ވޭޕްތަކާއި ދުންފަތުގެ ބާވަތްތައް ނައްތާލާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި ތަކެއްޗަކީ އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިސް، ހެންވޭރު ޕޮލިސް، އަދި މާފަންނު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށެވެ.
އެގޮތުން، ދޫނިދޫ ގައި މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 102 ވޭޕް، 145 ވޭޕް ފްލޭވަރ، 1096 ނެނޯސްޓިކް ކާޓްރިޖް ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން، މިއަދު ނައްތާލި ތަކެތީގެ ތެރޭގައި 114 ކޮއިލް އާއި ޑިސްޕޯސަބަލް ޕޮޑަކާއި 6 ރީފިލިންގ ކާޓްރިޖް އަދި 3 ކާޓޫނު ސިގިރެޓް ވެސް ހިމެނޭކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މިތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ވޭޕް އަދި ވޭޕް ކާޓްރިޖް ގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން މަޢުލޫމަތުދެއެވެ.