ޚަބަރު
ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ޤަވާއިދަށް ބޮޑެތި ބަދަލުތަކެއް!
ބިދޭސީންތަކެއް/ފޮޓޯ: ނިއުސް ލެބް
ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ޤަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
މި ޤަވާއިދުގެ އިސްލާޙުތަކުގައި ވަނީ، ރާއްޖޭގައި މަސައްކަތް ކުރުމަށް ބައެއް ދާއިރާތަކުން ބިދޭސީން ނުގެނެވޭގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް ކަނޑައަޅާގޮތް ބަޔާންކޮށްފައެވެ.
އެގޮތުން، މިޤަވާއިދަށް ޢަމަލުކުރަން ފަށާތާ 2 އަހަރަށްފަހު ހެއަރ ޑްރެސަރ، ބިއުޓީޝަން، ބޭބީ ސިޓަރ، ޕާސަނަލް ޓްރެއިނަރ، އިލެކްޓްރީޝަން ގެސްޓް، ރިލޭޝަން އޮފިސަރ (އިންގްލިޝް)، ޓުއަރ ގައިޑް، އެކައުންޓެންޓް، އަދި އިމާމުން ރާއްޖެއަށް ނުގެނެވޭނެއެވެ. ހަމަ އެހެންމެ، މި ޤަވާއިދަށް ޢަމަލުކުރަން ފަށާތާ 3 އަހަރުގެ ތެރޭގައި ޑައިވަރުން، ނަރުހުން، ބިލްޑިންގ އިންސްޕެކްޓަރ، ސަރވޭޔަރުން، ސައިޓް ސުޕަވައިޒާ އަދި ޕައިލެޓުންގެ ވަޒީފާތަކަށް ބިދޭސީން ރާއްޖެއަށް ގެނައުން މަނާވާނެކަމަށް މި އިޞްލާޙުގައި ބަޔާންކޮށްފައި ވެއެވެ.
މީގެ އިތުރުން، މި ޤަވާއިދަށް ޢަމަލުކުރަން ފަށާތާ 4 އަހަރުގެ ތެރޭގައި އިލެކްޓްރިކަލް އިންޖިނިއަރ އަދި ޑައިވް އިންސްޓްރަޓަރުންގެ ވަޒީފާއަށް ބިދޭސީންނަށް ކޯޓާ ދިނުން މަނާކޮށްފައިވާއިރު، މި ޤަވާއިދަށް ޢަމަލު ކުރަން ފަށާތާ 5 އަހަރުގެ ތެރޭގައި ހައުސް ކީޕިންގ މެނޭޖަރ، ހިއުމަން ރިސޯސް މެނޭޖަރ އަދި ފްރަންޓް އޮފީސް މެނޭޖަރ ލެވެލްގެ މަޤާމުތަކަށް ބިދޭސީން ގެނައުން މަނާވާނެއެވެ. ހަމަ އެއާއެކު، ޕްރައިމަރީ އަދި ސެކަންޑަރީ ޓިޗަރުންގެ ގޮތުގައި ވެސް ރާއްޖެއަށް ބިދޭސީންނަށް ކޯޓާ ދިނުން ވަނީ މަނާކޮށްފައެވެ.
ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބައެއް ދާއިރާތައް ހަމައެކަނި ދިވެހީންނަށް ޚާއްޞަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކޮށްލެވެއެވެ.