ކުޅިވަރު

ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޑެމްބެލޭއަށް

ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޑެމްބެލޭއަށް

ފްރާންސްގެ އުސްމާން ޑެންބެލޭ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 ޑިސެމްބަރު 2025، 09:57

17 ޑިސެމްބަރު 2025، 09:57

ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް، ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ ފްރާންސްގެ އޮސްމަން ޑެމްބެލޭ ހާސިލްކޮށްފިއެވެ.

ޑެމްބެލޭ ވަނީ މި އަހަރުގެ ސެޕްޓެންބަރު މަހު ހޮވި ބެލަން ޑިއޯ އެވޯޑާއި، މިދިޔަ އަންގާރަ ދުވަހު ޤަތަރުގައި ބޭއްވި ހަފްލާއެއްގައި ފީފާ އެވޯޑު ވެސް ހާސިލްކޮށްފައެވެ. މި ހުރިހާ އެވޯޑެއް މި އަހަރު ޑެމްބެލޭއަށް ލިބުނުއިރު، އޭނާ ވަނީ މިދިޔަ ސީޒަންގައި ޕީއެސްޖީއާއެކު 4 ތަށި ކާމިޔާބުކޮށްފައެވެ.

ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް އަދި ސްޕެއިންގެ ބާސެލޯނާއަށް ކުޅުމަށްފަހު، 2023ގައި ޕީއެސްޖީއާ ގުޅުނު އުމުރުން 28 އަހަރުގެ ޑެމްބެލޭ ވަނީ މިދިޔަ ސީޒަންގައި ކުޅުނު 53 މެޗުން 51 ގޯލު ޖެހުމުގައި ޝާމިލްވެފައެވެ. 

މިދިޔަ ސީޒަންގެ ކުރީކޮޅު ޑެމްބެލޭއަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނަސް، ފޯވާޑަކަށް ބަދަލުވިފަހުން އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ މިދިޔަ ސީޒަންގައި ކާމިޔާބުކުރި 35 ގޯލުގެ ތެރެއިން 8 ގޯލަކީ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި ގޯލުތަކެވެ. އަދި ނޮކްއައުޓް ބުރުގައި އާސެނަލް އާއި ލިވަޕޫލް ކޮޅަށް ކާމިޔާބުކުރި ގޯލުތައް ފާހަގަކޮށްލެވެއެވެ. 

މުޅިން އަލަށް މިދިޔަ ސީޒަންގައި ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށް، ޑެމްބެލޭ ވަނީ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދުމުގައި ބާސެލޯނާގެ ލެމީން ޔަމާލް އާއި ރެއާލް މެޑްރިޑްގެ ކީލިއަން އެމްބައްޕޭ ފަހަތަށް ޖައްސާލާފައެވެ. 

ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވާފައި މިވަނީ އޮގަސްޓު 2024އިން އޮގަސްޓް 2025އާ ދެމެދުގެ ކުރިޔަށްދިޔަ ފުޓުބޯޅަ އިވެންޓުތަކަށް ބެލުމަށްފަހުއެވެ. މި މަޤާމު ހޮވުމަށް ވޯޓު ދެނީ ފިރިހެނުންގެ ޤައުމީ ފުޓުބޯޅަ ޓީމުތަކުގެ ކޯޗުންނާއި، އެ ޓީމުތަކުގެ ކެޕްޓަނުންނާއި، ނޫސްވެރިންގެ އިތުރުން ކުޅިވަރުގެ ސަޕޯޓަރުންނެވެ. 

މިއީ 2016ވަނަ އަހަރުން ފެށިގެން ފީފާއިން ހޮވަމުން އަންނަ މަޤާމެކެވެ. މީގެ އިތުރުން އަންހެނުންގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި، އެންމެ މޮޅު ކޯޗާއި، އެންމެ ރީތި ގޯލު ޖެހި ކުޅުންތެރިޔާގެ އިތުރުން، ފީފާގެ ޑްރީމް ޓީމް ވެސް ހޮވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން