ކުޅިވަރު
ފޮޗެޓީނޯގެ އިރުޝާދުގެ ދަށުން އޯލްޑް ޓްރެފޯޑުގައި ކުޅުނު ފުރަތަމަ މެޗުން ވެސް ޔުނައިޓެޑަށް ބޮޑު ނާކާމިޔާބީއެއް
ޕޮޗެޓީނޯ ބްރޫނޯ ފެނާންޑޭޒްއާއެކު / ފޮޓޯ: ގެޓީ އިމޭޖަސް
އައު ކޯޗު މައުރީސިއޯ ފޮޗެޓީނޯގެ އިރުޝާދުގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ބްރެންޓްފޯޑް އަތުން 4-0 އިން ބަލިވެ، އިނގިރޭސި ޕްރިމިއަރ ލީގުގެ ރެލިގޭޝަން ޒޯނަށް އެ ޓީމު ވެއްޓިއްޖެއެވެ. މިއީ ވޭތުވެދިޔަ 89 އަހަރު ދުވަހުގެ ތެރޭގައި އޯލްޑް ޓްރެފޯޑުގައި ބްރެންޓްފޯޑުން ހޯދި ފުރަތަމަ މޮޅެވެ.
މައިކަލް ކެރިކް ވަކިކުރުމަށްފަހު، ކްލަބުގެ ހާލަތު ރަނގަޅުކުރުމުގެ ޒިންމާއާ ހަވާލުވި އާޖެންޓީނާގެ ކޯޗު ފޮޗެޓީނޯއަށް ޔުނައިޓެޑްގައި ފެށުން ދިޔައީ ވަރަށް ހިތިކޮށެވެ. އޭނާގެ އިރުޝާދުގެ ދަށުން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ލިވަޕޫލް އަތުން 4-0 އިން ބަލިވެފައިވާއިރު، ޗެމްޕިއަންސް ލީގުގައި ސްޕޯޓިންގ ލިޒްބަންއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެހެންކަމުން، ތިން މެޗު ނިމިގެން ދިޔައިރު ވެސް އައު ކޯޗަށް އަދި މޮޅެއް ހޯދިފައެއް ނުވެއެވެ.
ހޮނިހިރު ދުވަހު ކުޅުނު މި މެޗު ޔުނައިޓެޑުން ރަނގަޅަށް ފެށި ނަމަވެސް، ޑިފެންސަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި ބްރެންޓްފޯޑުން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ސަސްޕެންޝަނުގެ ސަބަބުން އެ ޓީމުގެ މުހިންމު ފޯވާޑް އިގޯ ތިއާގޯ ނެތް ނަމަވެސް، އޭނާގެ ބަދަލުގައި ކުޅުނު ކަލުމް ވިލްސަން ވަނީ މެޗުގެ 19 ވަނަ މިނެޓުގައާއި 32 ވަނަ މިނެޓުގައި ލަނޑު ޖަހައި ބްރެންޓްފޯޑަށް ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑުން ނަތީޖާ ބަދަލުކުރުމަށް މަސައްކަތްކޮށް، ޔޫރީ ޓީލެމަންސް ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސްދަނޑިއަށް ވެސް އަމާޒުވިއެވެ. ނަމަވެސް، ކޯނަރަކުން ލިބުނު ފުރުސަތެއްގައި ކްރިސްޓޮފަރ އަޔަރ ވަނީ ބްރެންޓްފޯޑުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކެވިން ޝާޑޭ ވަނީ ހަތަރުވަނަ ލަނޑު ޖަހައި ޔުނައިޓެޑް މުޅިން މާޔޫސްކޮށްލާފައެވެ.
މި މެޗު ކުރިއަށް ދިޔަ ވަގުތު އަދި މެޗުގެ ކުރިންނާއި ފަހުން ވެސް ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ދަނޑު ބޭރުގައާއި އެތެރޭގައި ކްލަބުގެ ވެރިން ކަމަށްވާ ގްލޭޒާ އާއިލާއާއި އިނިއޯސް ގްރޫޕާ ދެކޮޅަށް ވަރުގަދަ އިހުތިޖާޖުތަކެއް ކޮށްފައެވެ.
މި ނަތީޖާއާއެކު ބްރެންޓްފޯޑް ތާވަލުގެ ފަސްވަނައަށް ޖެހިލައި ގަދަ ހަތަރަކާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކުރިއިރު، ޔޫރަޕްގެ ގަދަބާރެއްގެ ގޮތުގައި އޮތް ޔުނައިޓެޑް ވަނީ ރެލިގޭޝަންގެ ބިރާ ކުރިމަތިލާން ޖެހިފައެވެ. އާދީއްތަ ދުވަހު ކުޅޭ މެޗުން ހަލް ސިޓީ އަތުން ކްރިސްޓަލް ޕެލަސް މޮޅުވެއްޖެނަމަ، ލީގުގެ އެންމެ ފުލަށް ޔުނައިޓެޑް ވެއްޓޭނެއެވެ.