ކުޅިވަރު
ޑޮރިއެލްޓަންގެ ހެޓްރިކާއެކު ނިއުރޭޑިއަންޓު ލީގުގެ ތިންވަނައަށް
ގޯލަކަށްފަހު ނިއުރޭޑިއަންޓުގެ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު 2026 ގައި ހޮނިހިރު ދުވަހު ބިސްބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ. މި މެޗުގައި ނިއުރޭޑިއަންޓުގެ ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން ގޯމްސް ނަސިމެންޓޯ ވަނީ މި ސީޒަނުގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މި މޮޅާއެކު ނިއުރޭޑިއަންޓަށް ވަނީ ކުޅުނު 7 މެޗުން 14 ޕޮއިންޓް ލިބިފައެވެ. އެ ޓީމު މިހާތަނަށް 4 މެޗުން މޮޅުވެ، 2 މެޗު އެއްވަރުވެފައިވާއިރު، ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ތާވަލުގެ އެއްވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުންނެވެ.
ހޮނިހިރު ދުވަހުގެ މެޗު ފަށައިގެން 9 ވަނަ މިނެޓުގައި ނިއުރޭޑިއަންޓަށް ލީޑު ނަގައިދިނީ އަބްދުލައި ބިލިޓީއެވެ. ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ބިސްބުރުގެ ކެޕްޓަން މަޖުދާން ސޯލިހު ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. ނިއުރޭޑިއަންޓުން އަލުން ލީޑު ނެގީ މެޗުގެ 19 ވަނަ މިނެޓުގައި ޑޮރިއެލްޓަން ޖެހި ލަނޑުންނެވެ. އަދި އޭގެ ފަސް މިނެޓު ފަހުން، 24 ވަނަ މިނެޓުގައި އޭނާ ވަނީ ބޮލުން ލަނޑެއް ޖަހައި ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ. ޑޮރިއެލްޓަން އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 80 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާގެ ބޭރުން ކަނާތު ފައިން ފޮނުވާލި ހިތްގައިމު ހަމަލާއަކުންނެވެ.
މި ހެޓްރިކާއެކު ޑޮރިއެލްޓަން ވަނީ ލީގުގައި މިހާތަނަށް 9 ލަނޑު ހަމަކޮށްފައެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި އޭނާ ދެ ފައިން ޖެހި ލަނޑުތަކަށްވުރެ (ކަނާތު ފައިން 3، ވާތު ފައިން 1) ބޮލުން ޖެހި ލަނޑުގެ އަދަދު ގިނަކަމެވެ. އޭނާ ވަނީ ބޮލުން 5 ލަނޑު ކާމިޔާބުކޮށްފައެވެ.
މި ސީޒަނުގައި ޑޮރިއެލްޓަން ދައްކަމުންދާ މޮޅު ކުޅުމަށް ބަލާއިރު، އޭނާ ވަނީ ފަސް ޓީމަކާ ދެކޮޅަށް ލަނޑު ޖަހާފައެވެ. އަދި އޭނާގެ 9 ލަނޑުގެ ތެރެއިން 6 ލަނޑަކީ މެޗުތަކުގެ ފުރަތަމަ ހާފުގައި ކާމިޔާބުކޮށްފައިވާ ލަނޑުތަކެވެ.