ދީން / ޚަބަރު
މޮނިއުމެންޓްގެ ގޮތުގައި ޖަނަވާރު ފަދަ ތަކެތީ ބެހެއްޓުމަކީ ހުއްދަކަމެއްނޫން: ފަތުވާ ކޮމިޓީ
ރާއްޖޭގެ ފަތުވާ މަޖިލީހުގެ ވެބްސައިޓް އިފްތިތާޙްކުރުން
މޮނިއުމެންޓްގެ ގޮތުގައި ދިރޭ ތަކެތީގެ ސޫރަ ބެހެއްޓުމަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވިދާޅުވެއްޖެއެވެ.
އެމަޖިލީހުން މިކަން ބަޔާންކޮށްދެއްވައިފައިމިވަނީ މޮނިއުމެންޓް ގޮތުގައި ދިރޭ ތަކެތީގެ ސޫރަ ބެހެއްޓުމާ ގުޅިގެން އާންމު ފަރާތަކުން ހުށަހެޅި ސުވާލަކާ ގުޅިގެނެވެ. ފަތުވާ މަޖިލީހުން އެ މައްސަލަ ދިރާސާކުރުމަށްފަހު ފަތުވާ ނެރިފައިވަނީ އިއްޔެއެވެ.
އިސްލާމްދީނުގައި ފުރާނަހުރި ތަކެތީގެ ސިފައިގައި ހަދާފައިވާ ބުދު ނުވަތަ މޮނިއުމެންޓް ބެހެއްޓުމަކީ ޙަރާމްކަމެއް ކަމަށް ފަތުވާގައި ބަޔާންކޮށްފައިވެއެވެ. އެކަމުގެ މުހިންމުކަން ދޭހަވަނީ ރަސޫލާ މައްކާ ފަތަހަކުރެއްވި ދުވަހު މަނާތު، ޢުއްޒާ އަދި ލާތު ފަދަ ބުދުތައް ނައްތާލެއްވުމަށް ޞަޙާބީން ފޮނުއްވި ކަމުންނާއި، އެކަލޭގެފާނުގެ އަވަހާރަވުމަށްފަހުގައި ވެސް ޞަޙާބީން އެކަމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާފައިވާތީ ކަމަށް ފަތުވާ މަޖިލީހުން ވިދާޅުވިއެވެ.
ފަތުވާ މަޖިލީހުން ވިދާޅުވީ ބުދުތަކަށް އަޅުކަންކުރުން ފެށިގެން އައިސްފައިވަނީ ޞާލިޙް އަޅުތަކުންގެ ހަނދާނުގައި ހަދާފައިވާ ތަކެތި ޢިލްމު ގެއްލި މީސްތަކުން މަގުފުރެދުމުގެ ސަބަބުން ކަމަށެވެ. ބުދުތަކަށް އަޅުކަންކުރުން ފެށިގެން އައިސްފައިވަނީ ޞާލިޙް އަޅުތަކުންގެ ހަނދާނުގައި ހަދާފައިވާ ތަކެތި ޢިލްމު ގެއްލި މީސްތަކުން މަގުފުރެދުމުގެ ސަބަބުން، އެކަމުގެ ނުރައްކާތެރިކަން ވަޒަންކުރެއްވި އިބްރާހީމުގެފާނު، އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ބުދަށް އަޅުކަންކުރުމުން ދުރުކޮށްދެއްވުމަށް ދުޢާ ވެސް ކުރެއްވި، އޭގެ އިތުރުން ޙަދީސްތަކުގައި ބަޔާންވެގެންވާ ގޮތުގައި، ގިޔާމަތާ ކައިރިވުމުން ބައެއް މީހުން އަލުން ބުދަށް އަޅުކަންކުރަން ފަށާނެ ކަމަށް ވެސް ފަތުވާގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ޝިރުކަށް މަގުފަހިވެދާނެ އެއްވެސް ޢަމަލެއް ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ފަތުވާ މަޖިލީހުން ބަޔާންކުރެއެވެ.
ޢިލްމުވެރިން އެއްބަސްވެވަައިގެންފައިވާ ގޮތުގައި ބުދު ހެދުމާއި ބެހެއްޓުން ޙަރާމްކަމަށް ފަތުވާ މަޖިލީހުން ފާހަގަކުރެއެވެ. އެކަން އެ ގޮތަށް މަނާކުރި ސަބަބުތަކުގެ ތެރޭގައި މަލާއިކަތުންގެ ބަރަކާތުން މަޙްރޫމްވުމާއި، ޝިރުކަށް މަގުފަހިވުމާއި، ﷲ ގެ ޚަލްޤް ކުރެއްވުމާ އެއްފަދަވުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ފަތުވާ މަޖިލިހުގެ ނިންމުމުގައިވާ ގޮތުން ކުޑަކުދިން ކުޅެން ބޭނުންކުރާ ބުދުތައް އެ ޙުކުމުން އިސްތިސްނާވާ ކަމަށް ބެލެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.