Ads by Stelco

ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް އިތުރުވެ އާމްދަނީ އަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ

ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް އިތުރުވެ އާމްދަނީ އަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ

ރާއްޖޭގެ ރިސޯޓެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޑިސެމްބަރު 2025، 03:23

17 ޑިސެމްބަރު 2025، 03:23

ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ.

މިއަހަރުގެ ތެރޭގައި ފަތުރުވެރިކަމާ ގުޅުންހުރި އާމްދަނީ ރަނގަޅުވެފައިވާއިރު، މިކަމުގެ ސަބަބުން ދައުލަތުގެ ޖުމްލަ އާމްދަނީ ވަނީ ބޮޑުތަނުން ރަނގަޅުވެފައެވެ.

މާލީ ވުޒާރާއިން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، ފާއިތުވި ހަފުތާގެ ނިޔަލަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 36 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 32.6 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 10.5 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން، ސަބްސިޑީތަކާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްދާ ކެޕިޓަލް ޚަރަދުތައް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް ރިޕޯޓުން ދައްކައެވެ.

ޓެކްސް އާމްދަނީގެ ތެރެއިން، ފާއިތުވި ހަފުތާގައި އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވިފައިވަނީ ޓީޖީއެސްޓީންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 9.9 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.7 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 14.1 އިންސައްތައިގެ ކުރިއެރުމެކެވެ. މިހާތަނަށް ޖުމްލަ ޓެކްސް އާމްދަނީ 26.9 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.7 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 9.2 އިންސައްތައިގެ އިތުރުވުމެކެވެ.

ޚަރަދުތަކަށް ބަލާއިރު، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދުތައް ހުރީ 37.9 ބިލިޔަން ރުފިޔާގައެވެ. މިއީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 43.4 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 12.7 އިންސައްތައިގެ ދަށްވުމެކެވެ. ޕީއެސްއައިޕީގެ ދަށުން ޖުމްލަ 7.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ޞިއްޙަތާއި ދަތުރުފަތުރުގެ ދާއިރާއިންނެވެ. ޞިއްޙީ ޚިދުމަތްތައް ތަރައްޤީ ކުރުމަށް 443.0 މިލިޔަން ރުފިޔާ، އަދި ދަތުރުފަތުރަށް 4.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ދަތުރުފަތުރުގެ ޚަރަދުގެ ތެރެއިން އެއަރޕޯޓާ ގުޅުންހުރި ޕީއެސްއައިޕީ ޚަރަދު 3.2 ބިލިޔަން ރުފިޔާއަށް އަރައެވެ.

މި މުއްދަތުގެ ބަޖެޓު ބެލެންސްއަށް ބަލާއިރު، ފާއިތުވި ހަފްތާގެ ނިޔަލަށް 1.9 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައި ހުރިއިރު، މިއީ 2024 ވަނަ އަހަރުގެ އެމުއްދަތުގައި ހުރި 10.8 ބިލިޔަން ރުފިޔާގެ ޑެފިސިޓާ އަޅާބަލާއިރު 82.5 އިންސައްތައިގެ ދަށްވުމެކެވެ. މިކަމުން ދައްކަނީ ދައުލަތުގެ އާމްދަނީ އިތުރުވެ، ޚަރަދުތައް މެނޭޖްކުރުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން