ޚަބަރު
މާލޭގައި ހިންގަމުންދިޔަ 10 ސެލޫނެއް ބަލައިފާސްކޮށް، 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އޮޕަރޭޝެންގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަނުގެ އޮޕަރޭޝަނެއްގައި، މާލޭގައި ހިންގަމުންދިޔަ 10 ސެލޫން/ސްޕާއެއް ބަލައިފާސްކޮށް، 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި މާލޭގައި ހިންގަމުން ދިޔަ ސްޕާ/ސެލޫން ފަދަ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި ތަންތަނުން ޤަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 04 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގައި ހިންގަމުންދިއަ 10 ތަނެއް ބަލައި ފާސްކޮށް، 04 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި.@PoliceMv… pic.twitter.com/8BJAysdja3
— Maldives Immigration (@ImmigrationMV) December 17, 2025
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.
ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްޞަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ.