ޚަބަރު
ށ. ފޭދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމައި ޓެސްޓުކޮށްފި
ޓެސްޓުކުރުން/ފޮޓޯ: ވުޒާރާ
ށ. ފޭދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމައި ޓެސްޓުކޮށް ކަމިޝަންކޮށްފިއެވެ.
ށ. ފޭދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކްގެ ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީންނާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލުކޮށްގެން ނިންމާފައިވާ ނިޒާމެކެވެ.
މި މަޝްރޫޢުގެ ދަށުން ޤާއިމްކޮށްފައިވާ މަސައްކަތުގެ ތެރޭގައި ބޯ ހޯލް އެޅުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި، ލެބޯރެޓްރީ ހިމެނޭގޮތަށް ސޯލާ ޕެނަލްސް ހަރުކޮށްފައިވާ އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި، މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން، ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓައި ދިނުން، އަދި ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމާއި، ސުވަރޭޖް ޓްރީޓްމެންޓް ޕްލާންޓެއް ބެހެއްޓުން ހިމެނެއެވެ.
މީގެ އިތުރުން، މުޅި ރަށުގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން ގޭބީސީތަކާއި ނަރުދަމާ ނިޒާމު ގުޅުމަށްޓަކައި ކެޗްޕިޓް ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބެހެއްޓުން ހިމެނެއެވެ.