ޚަބަރު
މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި 3 މީހުން ދޫކޮށްލައިފި
އިޙްތިޖާޖުގެ ތެރެއިން/ފޮޓޯ: އަދަދު
ސަރުކާރުގެ މަސްކުންފުނި، މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ފަށަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން ކުރި އިޙުތިޖާޖާ ގުޅިގެން ހައްޔަރުކުރި 3 މީހުން ދޫކޮށްލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި 3 މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އެގޮތުން، މިމީހުންގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ކެންދޫގެ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ ޞިއްޙީ ހާލަތާ ގުޅިގެން 2025 ޑިސެންބަރު 13 ވަނަ ދުވަހު ދޫކޮށްލާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި ތަޙުޤީގަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ހައްޔަރުގައި ދެން ތިބި ދެ މީހުން އިއްޔެެ ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އިހުތިޖާޖާ ގުޅިގެން 3 މީހުން ހައްޔަރުކޮށްފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް 3 ދޯނި ވެސް ވަނީ ގެނެސްފައެވެ. އަދި މި ދޯނިތައް ވެސް މިހާރު ދޫކޮށްލާފައިވާއިރު، މި ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވަނީ އެ ދޯނިތަކުގައި ތިބި ފަރާތްތަކާ ދޯނި ހަވާލުކުރުމަށްފަހުކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، މި އިޙުތިޖާޖާ ގުޅިގެން 4 ބިދޭސީއަކު އިމިގްރޭޝަން އާ ހަވާލު ކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ވެސް ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ހުޅުމާލޭ ފަޅުގައި އިހުތިޖާޖެއް ކުރި އެވެ. އޭގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހު ކުރި އިހުތިޖާޖެއްގައި މަސްވެރިން މާލޭ ފަޅަށް ވަދެގަނެފައިވާއިރު، އެ ފަހަރު އިހުތިޖާޖުކުރީ ލޭނު އަޅައިގެން ކަންނެލި ނަގަން ހުއްދަ ދޭން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.