ދުނިޔެ

ފިނިން ރައްކާތެރިނުކުރެވި ޣައްޒާގެ ތުއްތު މުޙައްމަދު ޝަހީދުވެއްޖެ

ފިނިން ރައްކާތެރިނުކުރެވި ޣައްޒާގެ ތުއްތު މުޙައްމަދު ޝަހީދުވެއްޖެ

ޚާންޔޫނިސްގައި ގަދަ ފިނީގެ ސަބަބުން ޝަހީދުވި ކުއްޖެއްގެ ހަށިގަނޑާއި އެކު އެކުއްޖާގެ ބައްޕަ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޑިސެމްބަރު 2025، 05:39

17 ޑިސެމްބަރު 2025، 05:39

ޣައްޒާގައި ފަލަސްޠީނުގެ ތުއްތު ކުއްޖަކު ފިނިން ރައްކާތެރި ކުރެވޭނެ ގޮތެއް ނެތި ޝަހީދުވެއްޖެއެވެ.

އިޒްރާއީލުން ދަނީ އެ ސަރަހައްދަށް ބޯހިޔާވަހިކަމަށް ބޭނުންވާ ފޭލިގެތަކާ އެހެނިހެން އިންސާނީ އެހީގެ ސާމާނު ވެއްދުން ވަނީ  ހުއްޓުވާފައެވެ.

ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން އަންގާރަ ދުވަހު ބުނީ ދެ ހަފްތާގެ ތުއްތު މުޙައްމަދު ޚަލީލް އަބޫ އަލް-ޚައިރު، ޝަހީދުވީ ހޯމަ ދުވަހު ހައިޕޯތަރމިއާގެ ސަބަބުން ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ.

އަލް ޖަޒީރާގެ ތާރިޤް އަބޫ ޢައްޒޫމް ޣައްޒާ ސިޓީން ރިޕޯޓުކުރައްވަމުން ވިދާޅުވީ، މި ތުއްތު ކުއްޖާ މަރުވީ އިޒްރާއީލުން ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އަސާސީ ހިމާޔަތްތައް ނައްތާލެވިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

އަބޫ ޢައްޒޫމް ވިދާޅުވީ، އާއިލާތައް ދިރިއުޅެނީ ތެތް ބިމުގައި ހުރި ފިނިންސަލާމަތްވެވެން ނެތް، ކަރަންޓުނެން އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ފަދަ ފޭލިގެތަކުގައެވެ.

"ކާނާ، ތެޔޮ، ހިޔާވަހިކަމަށް ބޭނުންވާ ފޭލިގެ އަދި އެހީގެ ސާމާނު މަނާކުރާނަމަ، ފިނީގެ ނުރައްކާތެރިކަން ވާނީ އިތުުރު " އޭނާ ވިދާޅުވިއެވެ.

އިޒްރާއީލުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ 80 އިންސައްތައަށް ވުރެ ގިނަ ޢިމާރާތްތައް ވަނީ ހަލާކުވެފައެވެ. އެތައް ލައްކަ އާއިލާތަކެއް ވަނީ ވަގުތީ ފޭލިގެތަކުގައި ނުވަތަ ތޮއްޖެހިފައިވާ ވަގުތީ ހިޔާވަހިތަކުގައި ދިރިއުޅެން މަޖުބޫރުވެފައެވެ.

ފަހުން އެ ސަރަހައްދަށް އެރި ބޮޑު ތޫފާނެއްގައި މަދުވެގެން 11 މީހުން މަރުވިއިރު، ވާރޭގެ ސަބަބުން ފޭލިގެތައް ފެންބޮޑުވެ، ހަލާކުވެފައިވާ އިމާރާތްތައް ވެއްޓުނެވެ.

ޣައްޒާ ސިޓީގައި ދިރިއުޅޭ ޙާލުގައި ޖެހިފައިވާ މަންމައެއް ކަމަށްވާ އުންމު މުޙައްމަދު އައްސަލިޔާ އަލް ޖަޒީރާއަށް ވިދާޅުވިއެވެ. "އަހަރެމެން މަސައްކަތްކުރަނީ ކުދިންގެ ހެދުންތައް އަލިފާން މަތީގައި ހިއްކަން. އެމީހުންނަށް އިތުރު ހެދުމެއް ނެތް. އަހަރެން ވަރަށް ބަލިވެއްޖެ. އަހަރެމެންނަށް ދީފައިވާ ފޭލިގޭގައި ފިނި މޫސުމުގެ ފިނީގައި ކެތެއް ނުކުރެވޭނެ. އަހަރެމެންނަށް ބެލެންކެޓް ބޭނުންވޭ،" އޭނާ ބުނެފައިވެއެވެ.

އިންސާނީ އެހީ ދޭ ޖަމާއަތްތަކުން ވަނީ އެހީގެ ސާމާނު ޣައްޒާއަށް ހުއްޓުމެއްނެތި ފޯރުކޮށްދިނުމަށް އިޒްރާއީލަށް ގޮވާލާފައެވެ. ނަމަވެސް، އ.ދ. ގެ ފަލަސްޠީނުގެ ރެފިއުޖީންނާބެހޭ އެޖެންސީ (ޔޫ.އެން.އާރު.ޑަބްލިޔޫ.އޭ) އިން ބުނީ އިޒްރާއީލު ސަރުކާރުން އެ އެޖެންސީއަށް ސީދާ ޣައްޒާއަށް އެހީގެ ސާމާނު ގެނައުން ހުއްޓުވާފައިވާ ކަމަށެވެ. ޔޫ.އެން.އާރު.ޑަބްލިޔޫ.އޭ އިން އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ބުނީ، "އާއިލާތައް ހިޔާވަހިކަން ހޯދާފައިވާ ހަލާކުވެފައިވާ އިމާރާތްތައް ވެއްޓިގެން މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވޭ. ކުދިން ފިނިވެގެން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވޭ. މިއީ ހުއްޓުވަންޖެހޭ ކަމެއް. އެހީގެ ސާމާނުގެ ބޮޑުބައެއް ވެއްދުމަށް ހުއްދަ ދޭންޖެހޭ،" ކަމަށެވެ.

ޙަމާސް އިން ވަނީ އޮކްޓޯބަރު މަހު ޢަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފުރަތަމަ ޢަމަލުކުރަން ފެށި ދުވަސް ކަމަށްވާ އޮކްޓޯބަރު 11 އިން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި 393 ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެ، 1,074 މީހުން ޒަޚަމްވެފައިވެއެވެ. އިޒްރާއީލުގެ އަސްކަރިއްޔާއިން ވަނީ ހޮނިހިރު ދުވަހު ހުޅަނގު ޣައްޒާ ސިޓީގައި ދިން ޓާގެޓް ހަމަލާއެއްގައި ޙަމާސްގެ އިސް ލީޑަރެއް ކަމަށްވާ ރާއިދު ސަޢުދު ވެސް ޝަހީދުކޮށްލައިފައެވެ. 

ޙަމާސްގެ ލީޑަރު ޣާޒީ ހަމަދު އަންގާރަ ދުވަހު އިޒްރާއީލަށް ތުހުމަތުކުރެއްވީ އެމެރިކާ މެދުވެރިވެގެން ވެފައިވާ އެއްބަސްވުމުގެ ލިޔުން "މެނިޕިއުލޭޓް" ކުރަމުންދާ ކަމަށެވެ.

"އަހަރެމެން ބޭނުންވަނީ މިއީ ކަނޑައަޅާފައިވާ ކަމެއްކަން ސާފުކޮށްދޭން: ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ސާފު، ތަފްސީލީ އަދި ދޭދޭ ގޮތް ނުދޭ އެއްބަސްވުމެއް. ނަމަވެސް، އިސްރާއީލުގެ އިސްތިޢުމާރުން ވަނީ ލިޔުން ބަދަލުކޮށް، ކޮންމެ މާއްދާއަކާވެސް ޚިލާފުވެފައިކަން ސާފުކޮށް ފެނޭ،" ހަމަދު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން