ކުޅިވަރު

އެފްއޭއެމް ވިމެންސް ލީގު: އޮޑި ސްޕޯޓްސްއިން ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދައި މާޒިޔާއާއެކު ގަދަ ހިފުމަކަށް

އެފްއޭއެމް ވިމެންސް ލީގު: އޮޑި ސްޕޯޓްސްއިން ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދައި މާޒިޔާއާއެކު ގަދަ ހިފުމަކަށް

ވިކްޓަރީ ކޮޅަށް ގޯލު ކާމިޔާބުކުރުމަށްފަހު އޮޑި ސްޕޯޓްސްއިން އުފާފާޅުކުރަނީ / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 ޑިސެމްބަރު 2025، 09:31

17 ޑިސެމްބަރު 2025، 09:31

އެފްއޭއެމް ވިމެންސް ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދައި، ލީގު ތަށި ހޯދުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއާ ގަދަ ހިފުމަކަށް ހިނގައްޖެއެވެ.

ހެންވޭރު ދަނޑުގައި މިއަދު ހަވީރު ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު ބުރު ސްޕޯޓްސްއިން ކާމިޔާބުކުރީ 1-0އިންނެވެ. 

މި މެޗާ ކުރިމަތިލިއިރު ވިކްޓަރީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ސަފީނާ ވަނީ ސަސްޕެންޑުވެފައެވެ. އެއީ ލީގުގައި އެންމެ ފަހުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. 

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އޮޑި ސްޕޯޓްސްއިން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ފާތިމަތު ސާލިޔާއެވެ. މިއީ ލީގުގައި ސާލިޔާ ކާމިޔާބުކުރި 8ވަނަ ގޯލެވެ. އޭނާއަކީ މިހާތަނަށް ލީގުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ ވެސް މެއެވެ.

މަ ނަތީޖާއާއެކު އޮޑި ސްޕޯޓްސް މިވަނީ 10 ޕޮއިންޓު ހޯދައި މާޒިޔާއާ ހަމަހަމަކޮށްފައެވެ. އަދި ލީގުގައި ބާކީ ކޮންމެ ޓީމަކަށް ވެސް 1 މެޗު އޮތްއިރު، ލީގު ތަށި ޔަޤީން ވަނީ މާޒިޔާ އަދި އޮޑި ސްޕޯޓްސް ބައްދަލުކުރާ މެޗުންނެވެ. އެ މެޗު އޮންނާނީ މި މަހުގެ 23ވަނަ ދުވަހު ހަވީރުއެވެ. ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވަނީ ވެސް އޮޑި ސްޕޯޓްސްއާ މާޒިޔާއެވެ. 

އަދި މިއަދު މެޗުގެ ނަތީޖާއާއެކު، 3ވަނައިގައި އޮތް ވިކްޓަރީއަށް ތަށި ހޯދުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން