ކުޅިވަރު
ފަހު ވަގުތު ކާމިޔާބުކުރި ގޯލާއެކު ނިއުރޭޑިއަންޓަށް އަނެއްކާވެސް ޕޮއިންޓަކުން ހަމަޖައްސާލަން ޖެހިއްޖެ
ނިއު ރޭޑިއަންޓުގެ ކެޕްޓަން އަލީ އަޝްފާގު ބޯޅައާއެކު / ފޮޓޯ: އެފްއޭއެމް
ދިވެހި ޕްރިމިއަރ ލީގުގައި ރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި ފޯރިގަދަ މެޗު ނިމެން ކައިރިވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަމްދާން އަލީ ކާމިޔާބުކުރި ލަނޑުން ނިއުރޭޑިއަންޓަށް އަނެއްކާވެސް ޕޮއިންޓަކުން ފަރުޖައްސާލަން ޖެހިއްޖެއެވެ. މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މިއީ ލީގުގައި ނިއުރޭޑިއަންޓް ޖެހިޖެހިގެން މި ނަތީޖާއިން އެއްވަރުވި ދެވަނަ މެޗެވެ. އެ ޓީމު އެންމެ ފަހުން ދިއްދޫގައި ދިއްދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު ވެސް 2-2 އިން އެއްވަރުވިއިރު، އެ މެޗުގައި ނިއުއަށް ނަތީޖާ ހަމަހަމަކުރެވުނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި، 0-0 އިންނެވެ.
ނަމަވެސް، ދެވަނަ ހާފު ފެށިގެން މިނެޓެއްވެސް ނުވަނީސް އޮޑި ސްޕޯޓްސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މުޒްދާން ހަސަން ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކައި، އިދިކޮޅު ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި އަހްޒަމް ރަޝީދެވެ. އެކަމަކު އޮޑި ސްޕޯޓްސްގެ މި އުފާވެރިކަން ދެމިއޮތީ އެންމެ މިނެޓަކަށެވެ. ޖެހިގެން އައި މިނެޓުގައި މުހައްމަދު ނާއިމް ނަގައިދިން ހުރަހަކުން ޑޮރިއެލްޓަން ގޮމޭޒް ވަނީ ނިއުރޭޑިއަންޓަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އޭގެ 9 މިނެޓު ފަހުން، އޮޑި ސްޕޯޓްސް އިން އަނެއްކާވެސް މެޗުގެ ލީޑު ނެގިއެވެ. އަހްޒަމް އިސްވެ ހުރެ އުފެއްދި ހަމަލާއެއްގައި، އައިހަމް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކުރީ މުޒްދާން ހަސަންއެވެ.
މި ލަނޑަށްފަހު ދެ ޓީމުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ދެ ޓީމުގެ ކީޕަރުންގެ ފަރާތުން މޮޅު ސޭވްތަކެއް ފެނިގެންދިޔައެވެ. ޚާއްޞަކޮށް، އޮޑި ސްޕޯޓްސްގެ ކީޕަރު މުހައްމަދު އަޝްވާންގެ ހުޝިޔާރު ސޭވްތައް ފާހަގަކޮށްލެވުނެވެ.
ނިއުރޭޑިއަންޓުން ބަލިނުވެ ސަލާމަތްވީ މެޗުގެ 88 ވަނަ މިނެޓުގައެވެ. ނާއިމް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތަޖުރިބާކާރު ޑިފެންޑަރު އަމްދާން އަލީއެވެ.
މި ނަތީޖާއާއެކު ކުޅުނު 4 މެޗުން ލިބުނު 8 ޕޮއިންޓާއެކު ނިއު ރޭޑިއަންޓް މިވަގުތު އޮތީ ތާވަލުގެ 3 ވަނައިގައެވެ. އަދި 7 ޕޮއިންޓާއެކު އޮޑި ސްޕޯޓްސް އޮތީ ތާވަލުގެ 4 ވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް އޮތްއިރު، ދެވަނައިގައި އޮތީ ކުޅުނު 3 މެޗުން 9 ޕޮއިންޓު ހޯދާފައިވާ ކްލަބް އީގަލްސްއެވެ.