ކުޅިވަރު

ވޯލްޑް ކަޕް 2026ގެ ޗެމްޕިއަން ޓީމަށް ރެކޯޑު އަދަދަކަށް ފައިސާ ދޭން ނިންމައިފި

ވޯލްޑް ކަޕް 2026ގެ ޗެމްޕިއަން ޓީމަށް ރެކޯޑު އަދަދަކަށް ފައިސާ ދޭން ނިންމައިފި

ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށް ދޭ ޓްރޮފީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 ޑިސެމްބަރު 2025، 08:01

18 ޑިސެމްބަރު 2025، 08:01

ވޯލްޑް ކަޕް 2026ގެ ޗެމްޕިއަން ޓީމަށް ރެކޯޑު އަދަދަކަށް ފައިސާ ދޭން ނިންމާފައިވާކަމަށް، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން އިޢުލާންކޮށްފިއެވެ. 

އެގޮތުން، އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރާ ޓީމަކަށް 50 މިލިއަން އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ލިބޭނެކަމަށް ފީފާއިން ހާމަކުރެއެވެ. 

ވޯލްޑް ކަޕް ކާމިޔާބުކުރާ ޓީމުތަކަށް ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާގެ އިނާމު ފީފާއިން އަންނަނީ އިތުރު ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން 2022ގައި ބޭއްވި ވޯލްޑު ކަޕުގެ ޗެމްޕިއަނުންނަށް 42 މިލިއަން ޑޮލަރާއި، އޭގެ ކުރިން 2018ގައި 38 މިލިއަން ޑޮލަރު ދީފައިވާއިރު، އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ދޭން ނިންމާފައި މިވަނީ، މިދިޔަ ވޯލްޑް ކަޕަށް އިތުރު ކުރި އިންސައްތައަށް ވުރެ ބޮޑު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް މިއީ، މި މުބާރާތަށް ވުރެ މަޤުބޫލުކަން މާބޮޑަށް ވެސް ކުޑަ، ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށް ދިން ފައިސާގެ އިނާމަށް ވުރެ، ދެގުނައަށް ވުރެ ބޮޑުބައެއް ކުޑަ އަދަދެކެވެ. މިދިޔަ އަހަރު އެ މުބާރާތް ކާމިޔާބުކުރި ޗެލްސީއަށް ވަނީ ޖުމްލަ 125 މިލިއަން ޑޮލަރު ދީފައެވެ. އެއީ ޤައުމީ ޓީމުތަކުން ކުރާ ހޭދައަށް ވުރެ، ކްލަބުތަކުން ކުޅުންތެރިންގެ މުސާރައަށް ހޭދަކުރާ އަދަދު ބޮޑު ކަމުންކަމަށް ފީފާއިން ހާމަކުރެއެވެ.

އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ފައިސާގެ އިނާމުގެ ގޮތުގައި ބަހާ ބަޖެޓުގެ ޖުމްލަ އަދަދަކީ 655 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށް ވުރެ ދެގުނަ ބޮޑު އަދަދެކެވެ. 

ނަމަވެސް ކުރިން 7 ކްލަބާއެކު ކުޅެމުން އައި ކްލަބް ވޯލްޑް ކަޕްގައި 32 ކްލަބަކަށް ވާދަކުރެވޭ ގޮތް ހަދައި، އެ މުބާރާތުގައި ފައިސާގެ އިނާމުގެ ގޮތުގައި 1 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. 

މުޅި މުބާރާތުގެ ފައިސާގެ އިނާމުގެ ބަޖެޓު މިހާ ބޮޑުވަނީ، މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް ވެސް، އެ ޓީމެއް ދަތުރުކުރާ ހިސާބަށް ބަލައި، ފައިސާގެ އިނާމު ދެމުންގެންދާއތީއެވެ. 

ފީފާގެ ރައީސް، ޖިއޭނީ އިންފެންޓީނޯ ބުނެފައި ވަނީ، އަންނަ ވޯލްޑް ކަޕަކީ ޓީމުތަކަށް ބަހާ ފައިސާގެ އިނާމު ބޮޑު ވާނެ މުބާރަތެއް ކަމަށެވެ. 

އެގޮތުން އަންނަ އަހަރުގެ ރަނަރރަޕް ޓީމަށް 33 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާއިރު، ތިން ވަނައަށްދާ ޓީމަށް 29 މިލިއަން އަދި 4ވަނައަށްދާ ޓީމަށް ލިބޭނީ 27 މިލިއަން އެމެރިކާ ޑޮލަރެވެ. 

އަދި އެންމެ ކުޑަ އަދަދެއް ލިބޭނީ ގްރޫޕް ސްޓޭޖުން ކަޓާ ޓީމުތަކަށެވެ. އޭގެތެރެއިން ކޮންމެ ޓީމަކަށް ވެސް 9 މިލިއަން ޑޮލަރު ދޭނެއެވެ. މީގެއިތުރުން މުބާރާތަށް ތައްޔާރުވުމަށް، މުބާރާތުގައި ވާދަކުރާ 48 ޓީމަށް ވެސް 1.5 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން