ޚަބަރު
ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
މާލެ ސިޓީ އަށް ވިއްސާރަކުރި ދުވަހެއްް. ފޮޓޯ:ސަން
ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައިވެސް ރާއްޖޭގެ މެދުރާއްޖެތެރެ އާއި އުތުރުގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ހަފްތާބަންދުގެ ދުވަސްތަކުގައިވެސް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.
ހަމަ މިއާއެކު ބައެއް ވަގުތުތަކުގައި ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ލަފާކުރައްވާ ގޮތުގައި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެއެވެ. ވައިޖެހޭނެ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 07:00 އިން މެންދުރު 13:00 އަށެވެ. މި ވަގުތުތަކުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ. ކަނޑުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރައްވައެވެ.
White Alert for heavy rain and thunderstorms. pic.twitter.com/pWkfWyZLr6
— Maldives Meteorology (@MetMaldives) December 18, 2025
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، މިހާރު ރާއްޖެއަށް މި ކުރަމުންދަނީ ދެ މޫސުން ބެދޭ ވިއްސާރަ ކަމަށެވެ. މޫސުން އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށް އެ އިދާރާއިން ބުނެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރަމުންދާ މި ދަނޑިވަޅުގައި، ކަމާބެހޭ އިދާރާތަކުން ވަނީ އާންމުންނަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އަޅައިގެން ތިބުމަށާއި، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވައެވެ.