ޚަބަރު
މީރާއަށް ވިޔަފާރިތަކުން ދައްކަންޖެހޭ ފައިސާއަށް ލުއިގޮތެއް ހަދައިދޭނަން: ރައީސް މުޢިއްޒު
މީރާގެ އޮފީސް
ވިޔަފާރިތަކުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ފައިސާއަށް ލުއި ގޮތެއް ހަދައިދީ، ވިޔަފާރިވެރިންގެ ހުރިހާ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ފޯރަމެއްގައެވެ.
މި ފޯރަމުގައި ވިޔަފާރިވެރިން ވަނީ އެމީހުންނަށް މިހާރު ކުރިމަތިވެފައިވާ މާލީ ދަތިތައް ހާމަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ވިޔަފާރިވެރިން ފާހަގަކުރެއްވި ގޮތުގައި ޓެކްސް، ޖީއެސްޓީ، ކޯޓާ ފީ، އަދި ވިސާ ފީ ފަދަ ދައްކަންޖެހޭ އެކި އެކި ފައިސާގެ އިތުރުން މުވައްޒަފުންގެ މުސާރަ ދިނުމަކީ ބޮޑު ގޮންޖެހުމެކެވެ. މީގެ އިތުރުން، މި ހުރިހާ ހަރަދުތަކެއް ކުރަމުންދާއިރު ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބި ލަސްވުމަކީ ވިޔަފާރިތަކަށް އެންމެ ބޮޑު ދަތިކަމެއް ކަމަށް ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ.
އެ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން ދައްކަންޖެހޭ ބިލުތަކަށް ބަލާފައި، މީރާއަށް ވިޔަފާރިތަކުން ދައްކަން އޮތް ފައިސާއަށް ލުއިތަކެއް ގެނެސްދިނުމަކީ މިހާރު ވެސް ކޮންމެވެސް ވަރަކަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ. ނަމަވެސް، މިހާރަށްވުރެ އެކަން ފުޅާކޮށް، ގިނަ ވިޔަފާރިތަކަށް އެ ލުއިދެވޭނެ ގޮތެއް އޮތްތޯ ބައްލަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް ވިދާޅުވީ، މިކަމަށް އެންމެ ރަނގަޅު ހައްލެއް ހޯދުމަށްޓަކައި ގާނޫނީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މީރާ އާއި ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާކުރައްވާނެ ކަމަށެވެ. އޭގެ ތެރެއިން ޔަގީނުންވެސް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އޭގައި ޤާނޫނީގޮތުން ބަލަން އޮތް ކަމެއް އޮތްތޯ ބެލުމާ އެކީގައި މީރާ އާއި ފިނޭންސްއާ އެކީގައި އިށީނދެގެން އަޅުގަނޑުމެން ބަލައިދޭނަން އެއަށްވެސް އެންމެ ރަނގަޅު ހައްލެއް ގެނެސްދޭން. ހަމަ ޔަގީނުން ވެސް ރަނގަޅު ހައްލެއް އަންނާނެ. މިތަނުގައި އަދަދު ނޫނީ މިވެނި ވަރެއް ނުދެންނެވުނު ނަމަވެސް، ޔަގީނުން ވެސް މިއަށް ހައްލެއް އަންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ޤާނޫނުތަކާއި އުސޫލްތައް ބަދަލުކޮށްގެންވެސް ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ވިޔަފާރިވެރިން ކުރިއަރާ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.