Ads by Farudhun

ޚަބަރު

މާލޭގެ ބައެއް ސަރަހައްދުތަކަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މާލޭގެ ބައެއް ސަރަހައްދުތަކަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ފެންހިންދުމުގެ މަސައްކަތް ކުރިއަށްދަނީ ފޮޓޯ:އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖުލައި 2026، 07:17

26 ޖުލައި 2026، 07:17

މާލޭގެ އެކި ހިސާބުތަކަށް މިއަދު އުދައަރައި، ބައެއް މަގުތަކުގައި ފެންބޮޑުވެ އާންމު ހަރުމުދަލަށާއި އުޅަނދުފަހަރަށް އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ.

މާލެ ސަރަހައްދަށް މިއަދު އުދައަރާފައިވަނީ ދިޔަވަރު އެންމެ ބޮޑުވި ވަގުތު ކަމަށްވާ މެންދުރު 11:53 ހާއިރުއެވެ. މެޓް އޮފީހުން މައުލޫމާތު ދޭގޮތުގައި އެ ވަގުތު ކަނޑުގެ ދިޔަވަރު ހުރީ 0.74 މީޓަރުގައެވެ.

މާލޭގެ މަގުތަކަށް އުދައަރައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ އޮޕަރޭޝަނެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ވަނީ ފަށާފައެވެ. އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ސިފައިން ދަނީ މަގުތަކުން ފެން ހިންދައި އާންމު ހާލަތަކަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

މިއަދު އެންމެ ބޮޑަށް އުދައިގެ އަސަރުކޮށްފައިވަނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަށެވެ. އެ ސަރަހައްދަށް އެރި ވަރުގަދަ ރާޅުތަކާއެކު، މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތައް ވެއްޓި، ލޮނުގަނޑުގެ ތެރޭގައި އޮޮއިގަނޑާއެކު ދެމިގެން ގޮސްފައިވެއެވެ. މީގެ އިތުރުން މާލޭގެ އިރުމަތީ ފަރާތް، ރާޅުގަނޑު ސަރަހައްދަށް ވެސް ވަނީ ވަރަށް ބޮޑަށް އުދައަރާފައެވެ. މި ހާދިސާގައި ބޮޑުތަކުރުފާނު މަގުގެ ބައެއް ހިސާބުތަކަށް ލޮނާއެކު ގަލާއި ވެލި އަރައި، ދަތުރުފަތުރު ކުރުމަށް ދަތިތަކެއް ކުރިމަތިވިއެވެ.

މިދުވަސްވަރު ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅު ނަމަވެސް، މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައެވެ. އެހެންކަމުން، މާދަމާގެ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ވެސް އުދައެރުމުގެ ފުރުސަތު އޮތް ކަމަށް ލަފާކޮށް، އާންމުން ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450