ޚަބަރު
ހދ. ހަނިމާދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
ޕާސްޕޯޓު ދޫކުރުން/ފޮޓޯ: އިމިގްރޭޝަން
ހދ. ހަނިމާދޫގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ މިހާރު ވަނީ ފުއްދަވާފައެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ހދ. ހަނިމާދޫގައި ރޭ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފައިވާ ކަމަށެވެ.
މުޅި ރާއްޖޭގައި ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކުރުމުގެ އިތުރުން ދިވެހިން ޢާންމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކުގައި ވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މެލޭޝިއާ، ސްރީލަންކާގައި އައިޑީ ކާޑުގެ ޚިދުމަތް މިހާރު ފަށާފަވާއިރު، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.