ޚަބަރު
މަސްދުވަހުން 509 ބިދޭސީން ޑީޕޯޓްކޮށްފިން: ވަޒީރު އިޙްސާން
ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން.
މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 509 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ އެ ވުޒާރާގެ ދަށުން ހިންގަމުންދާ އިދާރާތަކުގެ މަސައްކަތްތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވަޒީރު ވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލުތައް ހިއްސާކުރައްވާފައެވެ.
ވަޒީރު އިޙްސާން ވިދާޅުވީ، ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްޓަކައި 'އޮޕަރޭޝަން ކުރަނގި' އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ ކަމަށެވެ. ފުރަތަމަ ފިޔަވަހީގައި މާލެ ސަރަޙައްދުގެ ރަށްރަށުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނުއިރު، ދެވަނަ ފިޔަވަހީގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ސިނާޢީ މަސައްކަތް ކުރާ ރަށްރަށާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރެވުނެވެ.
މިހާތަނަށް 202,000 ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޭސް ރިކޮގްނިޝަން ނަގާ، އެމީހުންގެ މަޢުލޫމާތުތައް އެއްކޮށްފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގެ ތިންވަނަ ފިޔަވަހި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޕްރީލް މަހާ ހަމައަށް، މިވަގުތު ފިންގާ ޕްރިންޓް ނަގާފައިތިބި މީހުންގެ ތެރެއިން ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވައިދުގެ ތެރެއަށް ވެއްދުމުގެ ބޮޑު މަސައްކަތެއް ފަށާނެއެވެ. މި މަރުހަލާގައި ރަސްމީ ގޮތުން ހަވާލުވާނެ ބިދޭސީން ނެތް މީހުންނާއި ފިލައިގެން އުޅޭ ބިދޭސީންނަށް ސައްޙަ ވޯކް ޕާމިޓް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އަދި އަންނަ އަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން 2027 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހިފާ ހައްޔަރުކޮށް ޑީޕޯޓް ކުރުމުގެ ޚާއްސަ މަސައްކަތެއް ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި މަސައްކަތުގެ ނަތީޖާއަކަށް ވާނީ، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންނަކީ ކާކުކަން އެނގޭނެ، އަދި ކޮންމެ މީހަކަށް ޒިންމާވާނެ އެމްޕްލޮޔަރެއް ހުރެ، އެމީހަކު އެކަމަށް ޒިންމާ ކުރެވޭނެ ހުރިހާ މަޢުލޫމާތުތަކެއް ވަގުތުން ލައިވްކޮށް ސިސްޓަމުން ބެލޭނެ ނިޒާމެއްގެ ތެރެއަށް އައުމެވެ.
ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، 15 ނޮވެމްބަރުން ފެށިގެން މިއަދާ ހަމައަށް އައިރު ފިންގަ ޕްރިންޓް ނުދީ އުޅެމުންދިޔަ 509 ބިދޭސީން ޑީޕޯޓްކޮށްފައިވެއެވެ. މިއާއެކު މި ދެ އަހަރުގެ ތެރޭގައި ޖުމުލަ 9697 ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށް ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.