ޚަބަރު
ކުށްކުރާ މާހައުލު ތަކުން ކުޑަކުދިން ފެންނަ މިންވަރު އިތުރުވަމުންދާކަމަށް ސީޕީ ނަވީން ވިދާޅުވެއްޖެ
ސީޕީ އިސްމާޢިލް ނަވީން
ހުލާސާ
ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް އިތުރުވަމުންދާކަމަށާއި، މިކަމަށް ބެލެނިވެރިން ސަމާލުވުމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އިސްމާޢީލް ނަވީން އިލްތިމާސްކުރައްވައިފިއެވެ.
މިކަން އެމަނިކުފާނު ހާމަކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރާ އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ސީޕީ ނަވީން ފާހަގަކުރެއްވި ގޮތުގައި ކުރިން އެފަދަ މާހައުލުތަކުން ފެންނަ މޫނުތައް މަދުވެފައިވާއިރު، މިހާރު ފެންނަނީ އައު މޫނުތަކެއް ކަމަށާއި، އޭގެތެރެއިން ގިނައީ ކުޑަކުދިންނެވެ. އެހެންކަމުން މިއީ މިހާރު އިންތިހާ ދަރަޖައަށް ކަންބޮޑުވުން އޮތް ކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ކުށްކުރާ މާހައުލުތަކުން ފެންނަ ކުދިންގެ އުމުރަށް އަލިއަޅުވާލައްވަމުން ސީޕީ ނަވީން ވިދާޅުވިއެވެ.
"އެންމެ ފަހުން އޯލެވެލް ހެދި ކުދިން ނުވަތަ ކިރިޔާ 18 އަހަރުވެފައި ތިބޭ ކުރިން އަދި 17 އަހަރުގެ ކުދިން މިހާރު އެތަންތަނުން އެފެންނަނީ. ހޮޓް ސްޕޮޓްސްއޭ މިކިޔާ ތަންތަނުންވެސް މި ފެންނަނީ 17 އަހަރުގެ ކުދިން" ސީޕީ ނަވީން ވިދާޅުވިއެވެ.
ކުށުގެ ރެކޯޑް ނެތުމުގެ ސަބަބުން މިހާރު އެފަދަ ތަންތަނުން ފެންނަ ކުޑަކުދިންނަށް ނަސޭހަތްދީ ފޮނުވާލަނީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ މައިން ބަފައިންނާއި އެފަދަ ކުދިންގެ ބެލެނިވެރިން ސަމާލުވެ، ދަރިން ގޮސްއުޅޭ ތަންތަން ދެނެގަނެ ގާތުން އެކުދިންގެ ކަންކަން ބެލުމަށް އިލްތިމާސްކުރައްވާފައެވެ.
ކުޑަކުދިން ކުށަށް އަރައިގަތުން ހުއްޓުވުމަށާއި، ކުށްތަކަށް ހުށަހެޅިފައިވާ ކުދިން އިސްލާހުކޮށް ރީހެބިލިޓޭޓްކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ދައުލަތުގެ ޕްރޮގްރާމްތަކުގައި 160 އަށްވުރެ ގިނަ ކުދިން މިހާރުވެސް ދަނީ ބަލަހައްޓަމުންނެވެ. މީގެ އިތުރުން، ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް" މަޝްރޫގެ އަމަލީ މަސައްކަތް، ކްރޮސް ސަބްސިޓީގެ އުސޫލުން އިންވެސްޓްކުރާނެ ފަރާތެއް ހޯދުމާއެކު، އަންނަ ޖެނުއަރީ މަހު ފެށިގެންދާނެކަމުގެ މައުލޫމާތު ވަޒީރު ވަނީ ދެއްވާފައެވެ.