ޚަބަރު
އަންނަ ޖެނުއަރީ އިން ފެށިގެން ޕާސްޕޯޓްގެ މުއްދަތު ހަމަވާކަން ހަނދާންކޮށްދޭން ރިމައިންޑަރ މެސެޖް ފޮނުވަނީ
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ (ރޓ) އަހުމަދު ފަސީޙް
ދިވެހިރާއްޖޭގެ އިމިގްރޭޝަނުން އަންނަ ޖެނުއަރީ މަހުން ފެށިގެން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ހަ މަސްކުރިން ރިމައިންޑަރ މެސެޖް ފޮނުވަން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ (ރޓ) އަހުމަދު ފަސީޙް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ފަސީޙް ވިދާޅުވީ، އަންނަ މަހުން ފެށިގެން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން އެފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި މެސެޖާއެކު ޕާސްޕޯޓު އައު ކުރުމަށް ބޭނުންވާ އެޕްލިކޭޝަން ލިންކުވެސް ފޮނުވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ޕާސްޕޯޓު މުއްދަތު ހަމަވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް އިމިގްރޭޝަނުން ބެލެއެވެ.
ޕާސްޕޯޓު މުއްދަތު ހަމަވާކަން ހަނދާންކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި ފަސީޙް ވިދާޅުވީ "ޕާސްޕޯޓުގެ ގިނަ މައްސަލަ ދިމާވަނީ ފަރުދީ ޒިންމާ ނުއުފުލާތީ. ޕާސްޕޯޓުގެ މުއްދަތު އޮންނަނީ 5 އަހަރަށް. އެކަމަށްވެސް ޖަނަވަރީމަހުގައި ހައްލެއް މި ގެންނަނީ. ޖަނަވަރީއިން ފެށިގެން ކޮންމެ މީހެއް ފޯނަށް ނޮޓިފިކޭޝަނެއްދާނެ މުއްދަދަތު ހަމަވަނީ އޭ. 6 މަސްދުވަހޭ ބާކީ އޮތީ. އަވަހަށް ޕާސްޕޯޓު ހައްދަވާށޭ." ކަމަށެވެ.
މީގެއިތުރުން، މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ޕާސްޕޯޓު ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށްވެސް އިމިގްރޭޝަނުން ވަނީ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ. ފަސީޙް ވިދާޅުވީ، އަންނަ މަހުން ފެށިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ޕާސްޕޯޓަށް ހުށަހަޅާތާ 24 ގަޑިއިރުތެރޭ ޕާސްޕޯޓު ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށެވެ. މާލެ ސަރަހައްދުގައި 250،000އެއްހާ މީހުން ދިރިއުޅޭކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، މި މަސައްކަތް ޖެނުއަރީ މަހު ފެށުމަށް އުއްމީދުކުރައްވާ ކަމަށެވެ.
ޕާސްޕޯޓު ހެދުމާއި ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ދެ ބަދަލާއެކު ރައްޔިތުންނަށް ޕާސްޕޯޓު ޚިދުމަތްތައް އަވަހަށް ލިބި، މުއްދަތު ހަމަވުމުގެ ކުރިން އައުކުރުމަށް ފަސޭހަވެގެންދާނެއެވެ.