ޚަބަރު
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރި "މަސްޖިދުލް އީމާން" އަންނަ ހަފްތާގައި ހުޅުވަނީ
މަސްޖިދުލް އީމާން. ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތެއް ކަމަށްވާ 'މަސްޖިދުލް އީމާން' އަންނަ ހަފްތާގައި ހުޅުވުމަށް ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދާއިމީ މިސްކިތްތަކުގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވި ގޮތުގައި، މިފެށޭ އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު 3 ނުވަތަ 4 މިސްކިތެއް ބިނާކޮށް ނިމޭނެއެވެ. އެ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތްތައް މިހާރު ހުރީ ނިމުމުގެ އެންމެ ފަހު މަރުހަލާގައެވެ. ވަޒީރުގެ ވިދާޅުވުމުގައި، އަންނަ އަހަރުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތައް އުވާލެވޭ ވަރަށް ދާއިމީ މިސްކިތްތައް ޤާއިމުކޮށް ނިންމުމަކީ މިނިސްޓްރީގެ އަމާޒެކެވެ.
"އަންނަ އަހަރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތައް އުވާލެވޭވަރަށް ދާއިމީ މިސްކިތްތައް ޤާއިމުކޮށް ނިންމުމަކީ އަމާޒެއް،" ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ރަމަޟާންމަހުގެ ކުރިން ހުޅުވިގެންދާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަލަށް ހުޅުވާ މިސްކިތްތަކުގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތައް ވެސް ހިމެނޭނެއެވެ. ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުކަމުގެ ސަބަބުން ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި އެތަނުގައި އިތުރު ދާއިމީ މިސްކިތްތަކެެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށްވެސް ވަނީ ތައްޔާރުވެފައެވެ. 'މަސްޖިދުލް އީމާން' ހުޅުވުމަކީ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިކަމެކެވެ.