ޚަބަރު
އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކު ސްމާޓު އައިޑީކާޑު ތަޢާރަފްކުރާނެ: ވަޒީރު އިޙްސާން
ވަޒީރު އިޙްސާނު/ފޮޓޯ: ވުޒާރާ
އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކު ސްމާޓު އައިޑީކާޑު ތަޢާރަފްކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޑިޖިޓަލް އިގްތިޞާދު ފުޅާކޮށް، 2030 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ %15 ހިއްސާކުރާ ދާއިރާއަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެކެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިމް ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާކުރެއްވުމަށް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ، ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ފަށްޓަވާފައިވާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ވަޒީރު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކުގައި ސްމާޓު އަޑީކާޑެއްގެ ޒަރިއްޔާއިން ރައްޔިތުންނަށް ޚިދުމަތްތަކެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.
މި ވަގުތަށް ބަލާއިރު ދެލައްކަ ހަތްދިހަ ދެހާސް، އުމުރުން 10 އަހަރަށް ވުރެ ގިނަ ދިވެހިން ވަނީ އަޅުގަނޑުމެންގެ ޑިޖިޓަލް އައިޑީ ނިޒާމުގެ ތެރެއަށް ގެނެވިފަ. އެއީ ރާއްޖޭގެ އެ އާބާދީގެ 80 އިންސައްތަ. އަޅުގަނޑު ހަމަ ފާހަގަކޮށްލާނަން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ހަމަ ފާހަގަކުރެވޭ ޑިޖިޓަލް އައިޑީގެ ނިޒާމުގެ ތެރެއަށް ވަންނަ ތަން. އަދި އެ ނިޒާމުގެ ތެރެއަށް ވަދެ އެ ބޭނުންކުރެވިގެން ސަަރުކާރުގެ އެކިއެކި އިދާރާތަކުން ދޭ ޚިދުމަތްތައް ފުޅާ ދާއިރާއެއްގަ އެ ބޭފުޅުންނަށް ބޭނުންކުރުމުގެ އެކްސެސް މިހާރު ލިބޭނެ.
ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ވަން ގަވްގެ ނިޒާމުގެ ތެރެއަށް ސަރުކާރުގެ 17 އިދާރާއެއް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޑިޖިޓަލައިޒްވެއްޖެ ކަމަށެވެ. ހަމަ އެހެންމެ، ޑޭޓާ އެކްސްޖޭންޖް ލޭޔާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން ދަލަތުގެ އެކި އިދާރާތައް ވަކިވަކިން ސިސްޓަމްތަކެއް ހަދައިގެން އޮޕަރޭޓް ކުރާ ކުރުން ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި މިކަމުގެ ނަތީޖާއަކީ ޢާންމު ރައްޔިތުން ވަކި ވަކި އިދާރާތަކަށް ޚިދުމަތް ހޯދުމަށް އެދޭއިރު އެއް އިދާރާއަކުން ދީފަ ހުންނަ މަޢުލޫމަތު އަނެއް އިދާރާއަށް ފޯރުކޮށްދޭން ޖެހޭ ހާލަތު އެއްކޮށް ނިމިގެންދިޔުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރައްޔިތު މީހާ ޙިދުމަތަކަށް އެދޭއިރު އޭނާގެ އައިޑީ ކާޑު ޖެހުމަށް ފަހުގަ އޭނާ އެ ހޯދާ ޚިދުމަތެއް ސިސްޓަމްގެ ތެރެއިން ފެނިގެންދާނެ. ރައްޔިތުންނަށް ލިބޭނެ ފަސޭހަ ވަރަށް ބޮޑުވާނެ.
ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމާއެކު، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ މޯލްޑިވްސް 2.0 މަޝްރޫޢުގެ ދަށުން ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.
ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް، ޑިޖިޓަލް އައު ޒަމާނަކަށް ދިވެހިރާއްޖެ ވާސިލްކޮށްދިނުމަށް ހިންގަން ފަށާފައިވާ "މޯލްޑިވްސް 2.0" މަޝްރޫޢަކީ، ދިވެހިރާއްޖޭގެ މުސްތަޤުބަލުގެ ތާރީޚު ބަދަލުކޮށްލާނެ މަސައްކަތެކެވެ.