ޚަބަރު
ރޭ ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކާ ސުވާލުކޮށް، އެކަކު ހައްޔަރަށް
ރޭ ދަންވަރު ބޭރުގައި އުޅުނު ބިދޭސީންނާ ސުވާލުކުރުން.
ފަރުދުން
18 ޑިސެމްބަރު 2025، 03:28
18 ޑިސެމްބަރު 2025، 03:28
ޢާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފަށް، ދަންވަރު ގަޑީގައި ބޭރަށް ނުކުމެ އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށް އިއްޔެ ފެށި ޕްރޮގްރާމްގެ ދަށުން، ރޭ 23 ބިދޭސިއަކާ ސުވާލުކޮށް، ޤަވާޢިދާ ޚިލާފަށް އުޅުނު އެކަކު ހައްޔަރުކޮށްފައިވާ ކަމަށް، ފުލުހުން އަދު ބުނެފިއެވެ.
އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ދަންވަރުގެ ވަޤުތުތަކުގައި ރަށު ތެރޭގެ ޢާންމު މަޞްލަޙަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ، ރެއިން ފެށިގެން އެ މީހުން ހުއްޓުވައި، ސުވާލުކުރުމަށް އަންގަވާފައެވެ. ވީމާ، ރޭ ފުލުހުންނާއި އިމިގްރޭޝަނުން ވަނީ އެ މަސައްކަތް ފަށައިފައެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި، ރޭ ދަންވަރު، ބޭރުގައި އުޅެނިކޮށް ހުއްޓުވައި، 23 ބިދޭސީއަކާ ސުވާލުކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން ޤަވާޢިދާ ޚިލާފަށް އުޅެނިކޮށް ރޭ ހައްޔަރުކުރި މީހާ އިމިގްރޭޝަނާ ޙަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ނިންމައިފައިވަނީ ރެއިން ފެށިގެން ކޮންމެ ރެޔެއްގެ ދަންވަރު 12އިން ފެށިގެން ހެނދުނު 6އާ ހަމައަށް، މާލެ އާއި ހުޅުމާލޭގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގެ މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށެވެ. އެ ގޮތުން، ދަންވަރުގެ ވަޤުތުތަކުގައި ބޭނުމެއް ނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި، ފުލުހުން އެ މީހުންނާ ސުވާލުކުރާނެއެވެ.
ފުލުހުން ކަނޑައަޅާފައިވަނީ، ބިދޭސީން ފާސްކުރާއިރު ފާހަގަކުރެވޭ ކަންތައްތަކާ ގުޅިގެން ފިޔަވަޅު އަޅާށާއި، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނާ މެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުމަށް އިމިގްރޭޝަނާ ޙަވާލުކުރާށެވެ.
ރާއްޖޭގައި ނުޤަވާޢިދުން އުޅޭ ބިދޭސީންގެ މައްސަލަތައް ޙައްލުކުރަން ސަރުކާރުން ވަނީ ބޮޑެތި މަސައްކަތްތަކެއް ފަށައިފައެވެ. ޚާއްޞަކޮށް ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، މިހާރު ވެސް ވަނީ 70އަށް ވުރެ ގިނަ ތަންތަން ބަންދުކޮށްފައެވެ.
އިޤުތިޞާދާ ބެހޭ ވުޒާރާއިން އެންމެ ފަހުން ޝާއިޢުކޮށްފައިވާ ތަފާސްޙިސާބުތަކުން ދައްކާ ގޮތުގައި، ޤަވާޢިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހޯދުމަށް ހިންގި ޙަރަކާތުގައި، މިދިޔަ މަހުގެ 29ވަނަ ދުވަހުން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް، އެ ފަދަ 74 ވިޔަފާރިއެއް ބަންދުކޮށްފައިވެއެވެ.