ދުނިޔެ
ފިނިމޫސުމުގެ ގަދަ ފިނީގައި ރައްކާތެރިވެވޭނެ ގޮތެއް ނެތި ޣައްޒާގެ ފަސްވަނަ ތުއްތު ކުއްޖަކު ޝަހީދުވެއްޖެ
ޝަހީދުވެފައިވާ ފަލަސްޠީނުގެ ކުޑަކުއްޖެއް
އިޒްރާއީލުން ފިނިމް ރައްކާތެރިވާނެ ތަކެއްޗާއި އެހެނިހެން އިންސާނީ އެހީތައް ޣައްޒާއަށް އެތެރެކުރުން ހުއްޓުވަމުންދާތީ، އެ ސަރަހައްދުގައި ހިނގަމުންދާ ގަދަ ފިނިމޫސުމުގެ ތެރޭގައި ފިނިވެގެން މަރުވި ފަސްވަނަ ތުއްތު ކުއްޖަކު ޝަހީދުވެއްޖެއެވެ.
ފަލަސްތީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި، އެއްމަސް ދުވަހުގެ ތުއްތު ކުއްޖާ ސައީދު އަބްދީން ޝަހީދުވެފައިވަނީ، ގަދަފިނީގައި ހޫނުކުރެވޭނެ ވަސީލަތްތަކާއި ދިރިއުޅުމަށް އެކަށީގެންވާ މާހައުލެއް ނެތުމުގެ ސަބަބުން ދިމާވި އިންތިހާއަށް ގަދަ ފިނީގެ ސަބަބުންނެވެ.
މިދިޔަ ހަފްތާގައި ފަލަސްތީނުގެ މި ސަރަހައްދަށް ބޮޑު ތޫފާނެއް އަރައި ފިނިމޫސުމުގެ ވައި ގަދަވެގެން ދިޔަފަހުން، ފިނިވެގެންނާއި ވެއްޓުނު އިމާރާތްތަކުގެ ސަބަބުން ފަލަސްތީނުގެ 20 ރައްޔިތުން ޝަހީދުވެފައިވެއެވެ. މީގެތެރޭގައި ފިނިވެގެން ޝަހީދުވި ފަސް ކުދިން ހިމެނެއެވެ.
އިންސާނީ އެހީތެރިކަން ދިނުމާބެހޭ ކަންކަން ހަމަޖެއްސުމަށް އ.ދ. އިން އުފައްދާފައިވާ އޮފީސް (އޯޗާ) އިން ނެރުނު ދުވަހު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ބޯކޮށް ވާރޭވެހުމާއި ފިނިމޫސުމުގެ ތޫފާންތަކުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ޣައްޒާއަށް ގެއްލުންތައް ލިބެމުންދިޔަ ނަމަވެސް، ފިނިމޫސުމަށް ބޭނުންވާ ތަކެތި ލިބުން ވަރަށް މަދުކަމަށެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާން މަހްމޫދު ބަސަލް އަންގާރަ ދުވަހު ވިދާޅުވީ، ފިނިމޫސުމުގެ ވާރޭގެ ސަބަބުން ހަނގުރާމައިގެ ސަބަބުން ގެއްލުންވެފައިވާ ސަރަހައްދުގެ %90 ފޭލިގެއަށް ފެން ވަދެ، ކަންބޮޑުވާ ޢަދަދެއްގެ އާއިލާތައް ވަނީ ހިޔާވަހިކަމެއް ނެތިފައެވެ. ސިވިލް ޑިފެންސް ޓީމުތަކަށް ވަނީ ތޫފާން ޣައްޒާ ސިޓީއަށް އަސަރުކުރަން ފެށިފަހުން ރައްޔިތުންގެ ފަރާތުން 5,000 އަށް ވުރެ ގިނަ އެހީއަށް އެދޭ ކޯލް ލިބިފައެވެ.
އިސްރާއީލުން ދެ އަހަރަށްވުރެ ގިނަ ދުވަހަށް ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ %80 އަށް ވުރެ ގިނަ އިމާރާތްތައް ވަނީ ހަލާކުވެފައެވެ. އެހެންކަމުން، އެތައް ހާސް އާއިލާ ވަނީ ބަލިކަށި ފޭލިގެތަކުގައި ނުވަތަ ތޮއްޖެހިފައިވާ ވަގުތީ ހިޔާވަހިތަކުގައި ބޯހިޔާވަހިކަން ހޯދާފައެވެ. އޮކްޓޯބަރު 10 ގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް، އިޒްރާއީލުގެ ބްލޮކޭޑުގެ ސަބަބުން ފިނިމޫސުމުގެ ފިނަ ގަދަވަމުންދާ ވަރަކަށް އިންސާނީ ހާލަތު ދަނީ ދަށްވަމުންނެވެ. ހިޔާވަހިކަމުގެ ތަކެއްޗާއި، ތެލާއި، ޞިއްޙީ އެހީތެރިކަން ލިބުން މަދުވުމުގެ ސަބަބުން، ޙާލުގައި ޖެހިފައިވާ ޕަލަސްތީނުގެ ރައްޔިތުން ބިރުގަންނަނީ ކުރިއަށް އޮތް ހަފްތާތަކުގައި މިއަށްވުރެ ބޮޑު ދަތިކަމެއް ކުރިމަތިވެދާނެ ކަމަށެވެ.
މި ހަފްތާގައި ޕަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އ.ދ. ގެ އެޖެންސީ (އަންރުވާ) އިން ބުނެފައިވާ ގޮތުގައި، އިޒްރާއީލުގެ ހިފާފައިވާ ސަރުކާރުން ވަނީ އެ އެޖެންސީއަށް ޣައްޒާއަށް ސީދާ އެހީތެރިކަން ފޯރުކޮށްދިނުން މަނާކޮށްފައެވެ. އަންރުވާ އިން އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "އާއިލާތައް ހިޔާވަހިކަން ހޯދާފައިވާ ހަލާކުވެފައިވާ އިމާރާތްތައް ވެއްޓުމުގެ ސަބަބުން މީހުން ޝަހީދުވެފަިއވާ ކަމުގެ ރިޕޯޓުތައް ލިބިފައިވޭ. ފިނިވެގެން ކުދިން ޝަހީދުވެފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވޭ،" ކަމަށެވެ. އަދި މިކަން ހުއްޓުވަން ޖެހޭނެ ކަމަށާއި، މިހާރުން މިހާރަށް ބޮޑުތަނުން އެހީތެރިކަން ލިބެން ޖެހޭ ކަމަށް ވެސް އެ ޖަމާއަތުން ވަނީ ބުނެފައެވެ. އަދި ޕަލަސްތީނުގެ ރައްޔިތުން "ފިނިވެގެން ޝަހީދުވަމުންދާ" ކަމަށް ވެސް ބުނެފައިވެއެވެ.
އެހީދޭ ޖަމާއަތްތަކުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފައިވަނީ، ހަނގުރާމައިގެ ސަބަބުން ގެއްލުންވެފައިވާ ޣައްޒާ ސިޓީއަށް އެހީތެރިކަން އެތެރެކުރުމަށް ހުރަސްއެޅުން ހުއްޓާލުމަށް އިޒްރާއީލަށް ޕްރެޝަރު ކުރުމަށެވެ. އެހީދޭ ޖަމާއަތްތަކުން އިންޒާރުދީފައިވާ ގޮތުގައި، ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތްތައް ހުއްޓިގެންދިއުމުގެ ބިރު އެބަ އޮތެވެ. އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި، އ.ދ. ގެ އިސް އޮފިޝަލުންނާއި 200 އަށް ވުރެ ގިނަ ލޯކަލް އަދި ބައިނަލްއަޤްވާމީ އެހީދޭ ޖަމާއަތްތައް ހިމެނޭ ހިއުމަނިޓޭރިއަން ކަންޓްރީ ޓީމުން ވަނީ މި އަހަރުގެ ކުރީކޮޅު ތަޢާރަފްކުރި ބައިނަލްއަޤްވާމީ ޖަމާއަތްތައް ރަޖިސްޓްރީކުރުމުގެ އާ ނިޒާމަކަށް އިޝާރާތްކޮށްފައެވެ.
އެހީދޭ ޖަމާއަތްތަކުން ބުނާ ގޮތުގައި، މި ކަންކަން ހިނގާގޮތް "ސާފުނޫން، ސިޔާސީ ކަމެއް، އަދި އިންސާނީ އަސާސްތަކާ ޚިލާފު ނުވެ މިކަންކަމަށް ފެތޭނެ ގޮތެއް ނެތް" ކަމަށެވެ. އެހެނީ އެތައް ޖަމާއަތްތަކެއް ވަނީ ޑިސެމްބަރު މަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރުން ބާތިލުވުމުގެ ނުރައްކަލާ ކުރިމަތިވެ، އޭގެ ފަހުން މަދު ހަފްތާތަކެއްގެ ތެރޭގައި އެ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓާލަން މަޖުބޫރުވާނެ ކަމުގެ ބިރު އެބަ އޮތެވެ.