ޚަބަރު
ރާއްޖޭގެ ގިނަ ރައްޔިތުން ރައީސް މުޢިއްޒަށް ތާއީދުކުރާ ކަމަށް ބާނި ސަރވޭއިން ދައްކައިފި
ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ރާއްޖޭގެ ރައްޔިތުންގެ އަޣުލަބިއްޔަތުގެ ތާއީދު ލިބިފައެވެ.
ފަރުދުން
18 ޑިސެމްބަރު 2025، 07:18
18 ޑިސެމްބަރު 2025، 07:18
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅާ މެދުގައި 62 އިންސައްތަ މީހުން ހިތްހަމަޖެހޭ ކަމަށް، ބާނި ސެންޓަރ ފޯ އިންޓަރނޭޝަނަލް ޕޮލިސީގެ ސަރވޭއަކުން ދައްކައިފިއެވެ.
ރާއްޖޭގައި ހިންގާ ތިންކް ޓޭންކެއް ކަމަށްވާ ބާނިއިން ހެދި ސަރވޭގައި، ރައީސް މުޢިއްޒު ޒިންމާ އަދާކުރައްވާ ގޮތާ މެދުގައި، ވޯޓުލާ ޢުމުރުގެ ދިވެހީން ދެކޭ ގޮތް މިދިޔަ މަހު ވަނީ ހޯދާފައެވެ. އޭގެ ތެރެއިން 62 އިންސައްތަ މީހުން އެ މަނިކުފާނުގެ މަސައްކަތްޕުޅާ މެދު "ހިތްހަމަޖެހޭ" ނުވަތަ "ވަރަށް ބޮޑަށް ހިތްހަމަޖެހޭ" ކަމަށް ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ 23އިން މި މަހު އެކެއްގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ސަރވޭގައި، ރައީސްގެ މަސައްކަތްޕުޅާ މެދުގައި "ހިތްހަމަނުޖެހޭ" ނުވަަތަ "ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ" ކަމަށް ބުނެފައިވަނީ 38 އިންސައްތަ މީހުންނެވެ.
މި ނަތީޖާއާ އެކު، ރައީސް ޑރ. މުޢައްޒަށް ލިބިވަޑައިގެންފައިވަނީ 24+ ނެޓް އެޕްރޫވަލް ރޭޓިންގއެއް ކަމަށް ބާނިއިން ބުނެއެވެ.
ރައީސް މުޢިއްޒުގެ މަސައްކަތްޕުޅާ މެދު ހިތްހަމަޖެހުން ފާޅުކުރި 62 އިންސައްތަ މީހުންގެ ތެރެއިން 21 އިންސައްތަ މީހުން ވަނީ "ވަރަށް ބޮޑަށް" ހިތްހަމަޖެހޭ ކަމަށް ބުނެފައެވެ. ބާކީ ތިބި 41 އިންސައްތަ މީހުން ބުނީ "ހިތްހަމަޖެހޭ" ކަމަށެވެ.
ބާނިއިން ހާމަކޮށްފައިވާ ގޮތުގައި، މި ސަރވޭގެ ނަތީޖާ ނެރެފައި ވަނީ ރެންޑަމް ފޯން ކޯލް މެދުވެރިކޮށް އިންޓަވިޔު ކޮށްގެންނެވެ. އެ ތިންކު ޓޭންކުން 391 މީހަކާ ސުވާލުކޮށް، ބައިނަލްއަޤުވާމީ ޕޯލިންގ މިންގަނޑުތަކާ އެއްގޮތަށް ސަރވޭކޮށްފައިވާ ކަމަށް، އެ ތަނުން ބުންޏެވެ.
މި ނަތީޖާގެ މާޖިން އޮފް އެރާ އަކީ 5 އިންސައްތަ އަދި ކޮންފިޑެންސް ލެވެލްއަކީ 95 އިންސައްތައެވެ. މާނައަކީ، މި ޕޯލް އެ މުއްދަތުގެ ތެރޭގައި އެކި ފަހަރު މަތިން ހިންގި ނަމަވެސް، 95 އިންސައްތަ ފަހަރު ޖަވާބުތައް ހުންނަނީ މި ސަރވޭގެ ނަތީޖާއާ 5 އިންސައްތައަށް ވުރެ ކުޑަ ތަފާތެއްގެ ތެރޭގައެވެ.
ބާނިގެ ސރވޭއިން ހާމަވި ގޮތުގައި، ފިރިހެނުންނަށް ވުރެ ބޮޑަށް، އަންހެނުންގެ މެދުގައި ރައީސް މުޢިއްޒަށް އޮތް ތާއީދު ކުޑަ ފަރަޤަކުން ބޮޑެވެ. މި ގޮތުން، ސަރވޭގައި ބައިވެރިވި އަންހެނުންގެ ތެރެއިން 64 އިންސައްތަ މީހުން ވަނީ ރައީސްގެ މަސައްކަތްޕުޅާ މެދުގައި ހިތްހަމަޖެހޭ ކަމަށް ބުނެފައެވެ. ފިރިހެނުންގެ ތެރެއިން އެ މަނިކުފާނަށް ތާއީދުކޮށްފައިވަނީ 60 އިންސައްތަ މީހުންނެވެ.
ޢުމުރުފުރާތަކަށް ބަލާއިރު، ރައީސް މުޢިއްޒަށް ގިނައިން ތާއީދުކުރަނީ ދޮށީ ޢުމުރުގެ މީހުންނެވެ. ބާނި ސަރވޭރިން ދައްކާ ގޮތުގައި، 55 އަހަރަށް ވުރެ މަތީ މީހުންގެ 67 އިންސައްތަ ތާއީދު އެ މަނިކުފާނަށް އެބައޮތެވެ.
18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ރައީސްގެ މަސައްކަތްޕުޅަށް ދެބައި ކުޅަ އެއްބައި މީހުން ތާއީދުކުރާ ކަމަށް ވެސް ބާނި ސަރވޭރިން ދައްކައެވެ.