ޚަބަރު
އިންޑިއާއާއެކު ކޮންސިއުލަރ ޑައިލޮގްގެ ތިންވަނަ ބައްދަލުވުން ބާއްވައިފި
އިންޑިއާއާއެކު ބޭއްވި ކޮންސިއުލަރ ޑައިލޮގްގެ ތިންވަނަ ބައްދަލުވުން / ފޮޓޯ: ހާރިޖީ ވުޒާރާ
ފަރުދުން
18 ޑިސެމްބަރު 2025، 10:32
18 ޑިސެމްބަރު 2025، 10:32
ދިވެހިރާއްޖެއިން އަވަށްޓެރި އިންޑިއާއާއެކު ކޮންސިއުލަރ ޑައިލޮގްގެ ތިންވަނަ ބައްދަލުވުން ބާއްވައިފިއެވެ.
އިންޑިއާގައި ބޭއްވި މި ބައްދަލުވުމަށް ދިވެހިރާއްޖެއިން ވަޑައިގެންނެވި ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ، ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޢާއިޝަތު އަޒީމާއެވެ. އަދި އިންޑިޔާއިން ބައިވެރިވެވަޑައިގެންނެވި ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ، އެ ޤައުމުގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ، ޑރ. ބިނޮއި ޖޯޖްއެވެ.
ދެ ޤައުމުގެ ދެމެދުގައި މި ބައްދަލުވުން ބާއްވާފައި މިވަނީ ބޮޑު މެދުކެނޑުމަކަށްފަހުއެވެ. އެގޮތުން ކޮންސިއުލަރ ޑައިލޮގްގެ ފުރަތަމަ ބައްދަލުވުން 2017ގައި ބޭއްވިއިރު، ދެވަނަ ބައްދަލުވުން މާލޭގައި ބޭއްވީ 2018ގައެވެ. އެހެންކަމުން މި ފަހަރުގެ ބައްދަލުވުން ބާއްވާފައި މިވަނީ 7 އަހަރު ފަހުންނެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގައި ދެ ޤައުމުން ގުޅިގެން ކޮންސިއުލަރ އާއި ގުޅޭ ކަންތައްތައް ހައްލުކުރުމުގައި މަސައްކަތް ކުރެވޭނެ ގޮތްތަކުގެ އިތުރުން، ވިސާއާ ގުޅޭ ކަންތައްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށެވެ. އަދި، ދެ ޤައުމުން މި ޑައިލޮގް ބޭއްވުމުގެ މުހިއްމުކަން ފާހަގަކޮށް، މިކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެކަން ފާހަގަކޮށްފައިވެއެވެ.