ވިޔަފާރި / ޚަބަރު
ދިވެހީންގެ އުފެއްދުންތައް އަލިބާބާގައި ވިއްކަން ފަށައިފި
އަލިބާބާގައި ދިވެހި އުފެއްދުންތައް---
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ފެއްޓެވި މަސައްކަތުގެ ތެރެއިން، ދިވެހި ފަންނުވެރިންގެ ތަކެތި ދުނިޔޭގެ އެންމެ ބޮޑު އޮންލައިން އެއް މާކެޓުކަމުގައިވާ، އަލިބާބާގައި ވިއްކަން ފަށައިފިއެވެ.
އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދިވެހި އުފެއްދުންތަކެއް އަލިބާބާ ވެބްސައިޓުގައި ވިއްކުމަށް ހުއްޓާ ޚިއްސާކޮށް، މިކަން ޔަޤީންކޮށްދެއްވާފައެވެ.
އެ މަނިކުފާނު ވިދާޅުވީ، ދިވެހި 400 ވިޔަފާރިއަކަށް ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓު ކަމުގައިވާ އަލިބާބާގައި އެ ފަރާތްތަކުގެ ތަކެތި ވިއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ ދިވެހި ވިޔަފާރިވެރިން ކުރިއަރުވައި، ދިވެހި އުފެއްދުންތައް ދުނިޔޭގެ މާކެޓުގައި ވިއްކުމަށް ފަހިވެގެންދިޔަ ބޮޑު ކާމިޔާބެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި މިއީ، ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ކުރިޔަށް ގެންދެވުނު މަޝްވަރާތައް ވިޔަފާރި ފުރުސަތުތަކަށް ބަދަލުކުރެވި، ދެ ޤައުމުގެ ދެމެދުގައި އޮތް ފްރީ ޓްރޭޑު އެގްރީމެންޓުގެ ހަޤީޤީ ފައިދާ ކަމުގައި ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން، މިއީ އޮންލައިން ވިޔަފާރިތައް ކުރިއަރުވައި، އިޤްތިޞާދު ސިންދަފާތުކޮށް އަދި ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި މަސައްކަތްތަކުގެ ނަތީޖާކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
We extend our warmest congratulations to Business Center Corporation on the successful establishment of their online authentic Maldives shop on https://t.co/deQpknEn6f . This landmark achievement opens global market access for more than 400 local Maldivian vendors, enabling them… pic.twitter.com/bbY10DpUsD
— Mohamed Saeed (@em_saeed) December 18, 2025
ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކޭނެ މަގުފަހިކުރުމަށް އޯތެންޓިކް މޯލްޑިވްސްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އަލީބާބާ މެދުވެރިކޮށް މުދާ ވިއްކޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބުދަ ދުވަހުގެރޭ ދިވެހި ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އިޢުލާންކުރައްވާފައެވެ.
އޮތެންޓިކް މޯލްޑިވްސްގައި ރެޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް މިހާރު އަލީބާބާގައި އުފެއްދުންތައް ވިއްކޭނެގޮތް މިއަދު މި ހަމަޖެހިގެން ދިޔައީ. އެއީ އަލީބާބާގައި ރެޖިސްޓްރީ ކުރެވިފައިވާ 400 ވެންޑަރުންނަށް މިހާރު އެކްސެސް ލިބިފައިވަނީ. އެހެންވީމަ އޭގަ އެބޭފުޅުންގެ އުފެއްދުންތައް ވިއްކޭނެ. އޮތެންޓިކް މޯލްޑިވްސްގައި ބައިވެރިވާން ޖެހޭނެ. ބައިވެރިވީމަ އެކްސެސް ލިބިގެން އެދިޔައީ.
ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދީ ބޭރުން ފައިސާ ގެނައުމުގައި ހުރި ދަތިތައްވެސް ހައްލުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން އެ ވިޔަފާރިތަކާއި ގުޅުންހުރި ފަރާތްތަކާއި ގާތުން މިހާރުވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، މިހާރު ޕޭޕަލްއާއެކު ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް، އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.