ވިޔަފާރި / ޚަބަރު
ޤައުމީ އެއަރލައިން މޯލްޑިވިއަނުން، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ސީދާ ދަތުރުތައް ފަށަނީ!
އޮސްޓްރޭލިއާގެ ސިޑްނީގެ އޮޕެރާ ހައުސް
ޤައުމީ އެއަރލައިން މޯލްޑިވިއަނުން، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ. މިއީ ދެޤައުމު ދެމެދު ސީދާ ދަތުރުތައް ފަށާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އަންނަ މެއި މަހުގެ 17 ވަނަ ދުވަހު އޮސްޓްރޭލިއާގެ މެލްބާންއިން މި ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވިއަނުން އޮސްޓްރޭލިއާއާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ކުރަނީ އޮސްޓްރޭލިއާގެ މަޝްހޫރު ޓްރެވެލް ކުންފުންޏެއްކަމަށްވާ 'ލަގްޒަރީ އެސްކޭޕްސް' އާއި ގުޅިގެންނެވެ. މި ދަތުރުތައް ފެށުމަކީ ޤައުމީ އެއަރލައިންއަށް ދިވެހިރާއްޖެ އަށްވެސް ވަރަށް ތާރީހީ ކަމެއްކަމަށް މޯލްޑިވިއަނުން ވަނީ ވިދާޅުވެފައެވެ.
History takes flight as Maldivian connects the Maldives to Australia for the first time, with first-ever direct Melbourne–Malé flights in partnership with Luxury Escapes. ✈️🇦🇺#Maldivianaero #Maldives pic.twitter.com/2m9FPzaoK4
— MaldivianAero (@MaldivianAero) December 19, 2025
މޯލްޑިވިއަނުން ފަށާ މި ދަތުރުތަކަކީ ސީޒަނަލްކޮށް ކުރިއަށްގެންދާ ދަތުރުތަކެކެވެ. ހަފްތާއަކު އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ދަތުރުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރާ ދަތުރުތަކާ ގުޅުވައިގެން ތާވަލުކުރެވިފައިވާ ފްލައިޓްތަކެކެވެ. މީގެ ސަބަބުން އޮސްޓްރޭލިއާއިން ރާއްޖެ އަންނަ ފަސިންޖަރުންނަށް މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކާއި ސީޕްލޭން ނެޓްވޯކްގެ ފުޅާ ހިދުމަތްތަކުގެ ފައިދާ ލިބި، ރާއްޖޭގެ އެކި ރަށްރަށަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިކަމާއި ގުޅިގެން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާޝް ވިދާޅުވީ، އޮސްޓްރޭލިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓެއްކަމަށެވެ. މި ސީދާ ދަތުރުތަކާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށް އިޔާޝް ފާހަގަކުރެއްވިއެވެ.
މޯލްޑިވިއަންގެ ދަތުރުތައް އޮސްޓްރޭލިއާއަށް ފެށުމަށް ނިންމާފައިވާއިރު، އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވަމުންނެވެ. މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިއާއިން ރާއްޖެއަށް 40,490 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރު ނިމުނު އިރު އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 35,818 ފަތުރުވެރިންނާ އަޅާ ބަލާއިރު %13 އިތުރު އަދަދެކެވެ. އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދަށް އައި މި ކުރިއެރުމާއެކު، އެޤައުމުން މިހާރު ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ޤައުމުގެ ލިސްޓުން ޖާގަ ހޯދާފައެވެ.