ޚަބަރު
ރ. ވާދޫގައި ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމުކުރަނީ
ސޯލާ ނިޒާމު ޤާއިމްކުރުން/ފޮޓޯ: ވުޒާރާ
ރ. ވާދޫގައި ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން، 250 ކިލޯވޮޓް-ޕީކް (kWp) ގެ ސޯލާ ފޮޓޯވޮލްޓެއިކް (PV) ކެޕޭސިޓީއާއި 412 ކިލޯވޮޓް ގަޑީގެ (kWh) ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (BESS) އެއް އެ ރަށުގައި ޤާއިމުކުރެވޭނެއެވެ.
މި ނިޒާމުގެ މަސައްކަތް ނިމި، ހިންގަން ފެށުމާއެކު ވާދޫގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީޒަލުގެ މިންވަރު ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ލަފާކުރެވޭކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން، ކޮންމެ އަހަރަކު 117،697 ލީޓަރުގެ ޑީޒަލް ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާކުރެވިފައިވާ ކަމަށާއި، މީގެ އިތުރުން ޑީޒަލް ބޭނުންކުރުން މަދުވުމުގެ ސަބަބުން ކޮންމެ އަހަރަކު 288 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ވައިރޯޅިއަށް ދޫކުރުންވެސް މަދުވެގެންދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި މަޝްރޫޢަކީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭގެ ހަކަތައިގެ ސެކްޓަރަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިފަދަ މަޝްރޫޢުތައް ހިންގުމަކީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މުހިންމު ކަމެކެވެ.