ވިޔަފާރި / ޚަބަރު
"މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް" އިން ސްޓޯލް ކުއްޔަށް ހިފުމުގެ ފުރުޞަތު އެޗްޑީސީ އިން ހުޅުވާލައިފި
ސެންޓްރަލް ޕާކުގައި މީގެ އަހަރުތަކެއް ކުރިން ބޭއްވުނު ފުޑް ކާނިވަލް އެއް ފޮޓޯ: ސިމްޑީ ގްރޫޕް
ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ "މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް" އަށް ސްޓޯލް ކުއްޔަށް ހިފުމުގެ ފުރުޞަތު ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ ، އާދިއްތަ ދުވަހުގެ 12:00 އިން ފެށިގެން ، ހޯމަ ދުވަހުގެ 12:00 އާ ހަމައަށެވެ.
އެޗްޑީސީން ވިދާޅުވީ، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ޗެނަލް ސަރަހައްދުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ފެސްޓިވަލަށް ޖުމްލަ 80 ސްޓޯލް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. ސްޓޯލްތައް ދޫކުރާނީ އޮންލައިންކޮށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ފުރަތަމަ ހުށަހަޅާ މީހުންނަށް އިސްކަންދޭ އުސޫލުން ޝަރުތުހަމަވާ ފަރާތްތަކަށެވެ.
މި ފެސްޓިވަލު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 27 އިން ފެށިގެން ޖެނުއަރީ 1، 2026 އާ ހަމައަށް ޖުމްލަ 6 ދުވަހަށެވެ. ސްޓޯލްތަކަށް ދުވާލަކަށް 500 ރުފިޔާގެ ރޭޓުން، ޖުމްލަ 6 ދުވަހަށް 3000 ރުފިޔާ ދައްކަން ޖެހޭނެއެވެ.
ސްޓޯލް ހިންގަން ހަމަޖެހިފައިވާ ގަޑިތަކަކީ:
27 ޑިސެމްބަރުން 29 ޑިސެމްބަރަށް: ހަވީރު 4:00 އިން ރޭގަނޑު 12:30 އާ ހަމައަށް
30 ޑިސެމްބަރުން 31 ޑިސެމްބަރަށް: ހަވީރު 4:00 އިން ފަތިހު 1:00 އާ ހަމައަށް
1 ޖަނަވަރީ 2026: ހަވީރު 4:00 އިން ރޭގަނޑު 12:30 އާ ހަމައަށް
ސްޓޯލް ކުއްޔަށް ހިފުމަށް ހުށަހަޅާއިރު، އައިޑީ ކާޑު ކޮޕީއަކާއި، ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއްކަމުގައިވާނަމަ، އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ނުވަތަ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ދޫކުރާ ޕްރޮފައިލް ޝީޓް ހުށަހަޅަންޖެހޭނެއެވެ.
މި ފެސްޓިވަލުގެ ސްޓޯލް ކުއްޔަށް ނެގުމަށް އެދި ފޯމު ހުށަހެޅޭނީ އޮންލައިންކޮށް https://forms.office.com/r/0sTJJRPPmJ މި ލިންކު މެދުވެރިކޮށެވެ.