ޚަބަރު
އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުމާ ބެހޭ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި
ޕްރޮގްރާމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި އޭޝިއަން އެންޑް ޕެސިފިކް ޓްރެއިނިންގ ސެންޓަރ ފޮރ އައިސީޓީ ފޮރ ޑިވެލޮޕްމަންޓް (އޭޕީސީއައިސީޓީ) އާ ގުޅިގެން ޑިޖިޓަލް ޓްރާންސްފޮމޭޝަން މެދުވެރިކޮށް އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުމާ ބެހޭ ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ތަމްރީން ޕްރޮގްރާމުގެ މަޤުޞަދަކީ، ކުދި، މެދު އަދި މައިކްރޯ ވިޔަފާރިތައް ހިންގާ އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވާ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމާއި، އަންހެން ވިޔަފާރިވެރިންނަށް ޑިޖިޓަލް ވަޞީލަތްތަކާއި ޕްލެޓްފޯމްތައް ބޭނުންކުރުމަށް އެހީތެރިވުމަށް ބޭނުންވާ މަޢުލޫމާތު، ހުނަރު އަދި ވިސްނުން ޓްރެއިނަރުންގެ މެދުގައި ޤާއިމްކުރުމެވެ. އަދި އަންހެން ވިޔަފާރިވެރިންނަށް މާކެޓްތަކަށް ވާޞިލުވުމަށާއި، މާލީ އެހީ ހޯދުމަށާއި، ވިޔަފާރި ތަރައްޤީކުރުމުގެ ފުރުޞަތުތަކަށް ހުރި ހުރަސްތައް ކުޑަކޮށް، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް އެހީތެރިވެދެވޭނެ ގޮތްތައް ވެސް މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިންނަށް ފޯރުކޮށްދެވިގެންދިޔަކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ތަމްރީން ޕޮރްގްރާމް ބިނާވެފައި ވަނީ އޭޕީސީއައިސީޓީގެ ވިމެން އައިސީޓީ ފްރޮންޓިއަރ އިނީޝިއޭޓިވް (ވައިފައި) ގެ މައްޗަށެވެ. މިއީ ސަރަޙައްދީ ފެންވަރުގައި އަންހެނުންގެ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ހިންގޭ ޕްރޮގްރާމެކެވެ. އެގޮތުން، މި ޕްރޮގްރާމްގެ އަމާޒަކީ މިޕްރޮގްރާމުގެ ތެރެއިން ދަސްކުރެވޭ ކަންތައްތައް ބޭނުންކޮށްގެން މުއައްސަސާތަކާއި މުޖުތަމަޢުއަށް ޓްރެއިނަރުންގެ ޒަރިއްޔާއިން ދެވޭ ޚިދުމަތްތައް ފުޅާކުރުމެވެ.
މި ތަމްރީން ޕްރޮގްރާމުގައި އިޖްތިމާޢީ ވުޒާރާގެ އިތުރުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، އެސް.އެމް.އީ ޑިޖަޓަލް، އަދި ބޭންކް އޮފް މޯލްޑިވްސް ހިމެނޭހެން ޖުމްލަ 41 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.