ވިޔަފާރި / ޚަބަރު
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިކްސްޑް ލަގްޒަރީ ރެޒިޑެންޝަލް މަޝްރޫޢެއް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި
ހުޅުމާލެ އޭރިއަލް ފޮޓޯއެއް ފޮޓޯ: ޔޫއެންޑީޕީ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިކްސްޑް ލަގްޒަރީ ރެޒިޑެންޝަލް މަޝްރޫޢެއް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫޢަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީ ކުރުމުގެ މާސްޓަރ ޕްލޭނާ އެއްގޮތަށް، އެޗްޑީސީން ދަނީ އެ ސަރަޙައްދުގައި ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢަކީވެސް އެ ތަރައްޤީގެ މުހިންމު ބައެކެވެ. މީގެ ކުރިންވެސް އެޗްޑީސީއިން ވަނީ ދެވަނަ ފިޔަވަހީގައި ވިޔަފާރި އުސޫލުން މިކްސްޑް ރެސިޑެންޝަލް ނުވަތަ އަމިއްލަ ފަރާތްތަކުން ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށާއި، އެކި ކަހަލަ ވިޔަފާރި ކުރުމަށް ޚާއްޞަ އިމާރާތް އެޅުމަށް ބިން ދޫކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އެޗްޑީސީއިން ވިދާޅުވެފައިވަނީ، މި މަޝްރޫއު ހަވާލުކުރުމުގައި އިސްކަންދޭނީ ޑިވެލޮޕްމަންޓް އެންޑް ސޭލް ރައިޓްސް މޮޑެލްއަށް ކަމަށެވެ. އެހެންނަމަވެސް، އެ ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށްވެސް ހުށަހެޅިދާނެ ކަމަށާއި، އޭގައި ދެ ފަރާތަށްވާނެ ފައިދާތައް ތަފްސީލުކޮށް ހިމަނަންވާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ. މި މަޝްރޫއަށް އެކަކަށްވުރެ ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފިނަމަ، މަޝްރޫއު ހަވާލުކުރާނީ އެ ކުންފުނީގެ ވިޝަންއާއި މާސްޓަރޕްލޭން އެންމެ ފުރިހަމައަށް ހިމެނޭ އީއޯއައިއަކަށް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހުޅުމާލެ ފޭސް ދޭއްގެ 125,387 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެތަނުގައި 47 މީޓަރު އުހަށް އިމާރާތް ކުރެވޭނެ ކަމަށްވެސް އެޗްޑީސީން ފާހަގަކުރިއެވެ. އީއޯއައިތައް އިވެލުއޭޓް ކުރުމުގައި، ބިޒްނަސް މޮޑެލްއާއި، ތަޖުރިބާއާއި، ކޮންޓްރެކްޓަރުގެ ޓާމްތަކާއި، އެބައެއްގެ މާލީ ޤާބިލުކަމުގެ އިތުރުން ސީއެސްއާރު (ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ) ފަދަ ކަންކަމަށް ބަލާނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
ދެވަނަ ފިޔަވަހީގައި ތަރައްޤީ ކޮށްފައިވާ ސޯޝަލް ހައުސިންގ ފްލެޓްތަކާއި، އަދި އަމިއްލަ ފަރާތްތަކުން ތަރައްޤީ ކުރަމުންދާ ތަންތަނާއެކު، ދެވަނަ ފިޔަވަހީގެ އާބާދީ ވަރަށް ބޮޑަށް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 1000 އަށްވުރެ ގިނަ ބިމާއެކު، ކުރިއަށް އޮތްތާނުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީ ބޮޑުތަނުން އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. އެޗްޑީސީން ދަނީ، މާސްޓަރ ޕްލޭނާ އެއްގޮތަށް މި އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ އާއްމު ޚިދުމަތްތަކާއި އަދި އެހެންވެސް ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ.