ޚަބަރު
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތި ތަކުގެ ގުރުނެގުން ފަށައިިފި
ހުޅުމާލެ ތިންވަނަ ފިޔަވަހި
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފިއެވެ. މި ގުރުއަތުލުން ކުރިއަށްދަނީ ކަލާފާނު ސްކޫލުގައެވެ. މި މަސައްކަތް ކުރިއަށްދާއިރު ގޯތި ލިބިފައިވާ ފަރާތްތަކަށް ލިބޭ ޕްލޮޓްގެ ނަންބަރު ވަގުތުން ހިޔާވެހި ޕޯޓަލްއިން ފެންނާނެއެވެ. އަދި އެސްއެމްއެސްގެ ޒަރިއްޔާއިންވެސް މި މައުލޫމާތު އެންގޭނެއެވެ. މި ގުރުއަތުލުން ޕަބްލިކް ސަރވިސް މީޑިއާގެ ޔެސް ޓީވީން ދަނީ ވަގުތުން ދުރަށް ދައްކަމުންނެވެ.
ގޯތިތަކުގެ ގުރުއަތު އަލުން ނެގުމަށް ނިންމާފައިވަނީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ގެނެވުނު ބަދަލާއި، ހުޅުމާލެ ފިޔަވަހި ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކުގައެވެ. މި ބަދަލުތަކުގެ ސަބަބުން ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވާތީ، އައު ލޮޓް ނަންބަރެއް ކަނޑައެޅިގެންދާނެތީއެވެ.
މިފަދަ ކަންބޮޑުވުންތަކާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ) ވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތީން ހުޅުމާލެ ތިންވަނަ ފިޔަވަހި ހިމެނޭގޮތަށް މުޅި ހުޅުމާލޭގެ އައު މާސްޓަރ ޕްލޭނެއް އެކުލަވާލާފައެވެ. ކުރިން ދިމާވާނެކަމަށް ބެލެވުނު ގޮންޖެހުންތަކުގެ ތެރޭގައި، ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން އަސާސީ ޚިދުމަތްތައް (ފެނާއި ނަރުދަމާ އަދި ކަރަންޓު) ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވުމުގެ އިތުރުން، ބަނދަރުގެ ޖާގައިގެ މައްސަލަތައް ހިމެނެއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ޖުމްލަ 698 ގޯތި ދޫކުރާނެއެވެ. މި ގުރުއަތުލުމުގައި 7 ސައިޒެއްގެ 698 ގޯތީގެ ލޮޓް ނަންބަރު ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދޫކުރާ ގޯތީގެ ތަފްޞީލު ތިރީގައި މިވަނީއެވެ.
- 1650 އަކަފޫޓުގެ 181 ގޯތި
- 2050 އަކަފޫޓުގެ 242 ގޯތި
- 2450 އަކަފޫޓުގެ 132 ގޯތި
- 2850 އަކަފޫޓުގެ 62 ގޯތި
- 3250 އަކަފޫޓުގެ 41 ގޯތި
- 3650އަކަފޫޓުގެ 16 ގޯތި
- 4000 އަކަފޫޓުގެ 24 ގޯތި
ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ދިނުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ބިން ހިއްކުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 30 ހެކްޓަރަށްވުރެ ބޮޑަށް ބައެއްވަނީ ހިއްކާފައެވެ.
ވުޒާރާއިން ވިދާޅުވީ ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންދަނީ އެވުޒާރާގެ މުވައްޒަފުންކަމަށާއި، ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ވަދެވޭނީ ކޮންމެ ޕްލޮޓަކަށް 01 ފަރާތަށް ކަމަށެވެ. އަދި ގޯތި ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާނަމަ، އެކަން އަންގައިދޭ ލިޔުމާއި، ގޯތީގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީގެ އިތުރުން ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއާއެކު ހާޒިރުވުމުން ވަދެވޭނެކަމަށްވެސް ވުޒާރާއިން ހާމަކުރެއެވެ.
ގުރުއަތުނަގާ ނިމުމުން، ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މަޢުލޫމާތު ފަހުން އާންމުކުރާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.