Ads by Stelco

ޚަބަރު

ޤައުމީ ބޭސްވެރިކަމުގެ ކޮމިޓީއެއް އެކުލަވާލަނީ

ޤައުމީ ބޭސްވެރިކަމުގެ ކޮމިޓީއެއް އެކުލަވާލަނީ

އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ޓްރެޑިޝަނަލް މެޑިސިންއާ ބެހޭ ޑަބްލިޔުއެޗްއޯގެ ދެވަނަ ގްލޯބަލް ސަމިޓު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ޑިސެމްބަރު 2025، 11:41

20 ޑިސެމްބަރު 2025، 11:41

ދިވެހި ބޭސްވެރިކަން ކުރިއެރުވުމަށްޓަކައި ޤައުމީ ބޭސްވެރިކަމުގެ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޞިއްޙަތާއި ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

 ވަޒީރު މިކަން ހާމަކުރެއްވީ އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ޓްރެޑިޝަނަލް މެޑިސިންއާ ބެހޭ ޑަބްލިޔުއެޗްއޯގެ ދެވަނަ ގްލޯބަލް ސަމިޓުގެ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ދާއިރާގައި އިސްކަންދޭ ކަންތައްތަކާ އެއްގޮތަށް، ރައްކާތެރިކަމާއެކު އަދި ހެކިތަކުގެ މައްޗަށް ބިނާކޮށް، ދިވެހި ބޭސްވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމަނިކުފާނު ވަނީ، ކުދި ޖަޒީރާ ޤައުމެއްގެ ގޮތުގައި ތަރައްޤީވަމުން އަންނައިރު ރާއްޖެއަށް އޮތް ޚާއްސަ ހާލަތްތަކުގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ. މިގޮތުން، ދިވެހި މުޖުތަމަޢުން ޒަމާނުންސުރެ ފެންނަ ޤުދުރަތީ ވަސީލަތްތަކާއި، ކަނޑުގެ ވަސީލަތްތަކާއި، ވާރުތަވަމުން އައި ބޭސްވެރިކަމުގެ އާދަތަކާއި ގުޅިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ނާޒިމް ވިދާޅުވީ، ދިވެހި ބޭސްވެރިކަމަކީ އާންމުކޮށް ބޭނުން ކުރާ ބޭސްވެރިކަމެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، ސައިންސާއި އަޚްލާޤީ އަދި ހަމަހަމަކަމުގެ މައްޗަށް ބިނާވެފައިވާ އެހީތެރިއެއްގެ ގޮތުގައި ހިފެހެއްޓެން ޖެހޭ ކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދިވެހި ބޭސްވެރިކަން ކުރިއަރުވަން ރާއްޖެއިން ކުރަން ނިންމާފައިވާ ކަންކަމަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

ދިވެހި ބޭސްވެރިކަން ކުރިއަރުވަން ނިންމާފައިވާ މުހިންމު މަސައްކަތްތައް
އެގޮތުން ދިވެހި ބޭސްވެރިކަމަށް ފަންނީ އިރުޝާދު ދިނުމާއި، ދާއިރާތައް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ޤައުމީ ސަޤާފީ ބޭސްވެރިކަމުގެ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދިވެހި ބޭސްވެރިކަމުގެ އާދަތައް، ޚާއްސަކޮށް ހަށިގަނޑުގެ ކަށިތަކާއި، މަސްތަކާއި ގުޅުންހުރި ފަރުވާއާއި ސިއްޙަތު ރަނގަޅު ކުރުމާއި ގުޅޭ ކަންކަން، ފިޔަވަހިކޮށް ލިޔެކިޔުންތައް އެއްކުރުމުގެ އިތުރުން އަޚްލާޤީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދިރާސާކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި އެކިއެކި ދާއިރާތަކުގެ ބައިވެރިވުމާއެކު، ހޮވާލެވޭ ރަށްރަށުގެ މައިގަނޑު ޞިއްޙީ ޚިދުމަތްތަކުގެ ތެރެއަށް ބޭސްވެރިކަން ހިމެނުމުގެ މަގުތައް ހޯދައި ދިރާސާކުރުން ވެސް މި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ޞިއްޙަތާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރުންގެ މެދުގައި ބޭއްވި މިވަށްމޭޒު ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޞިއްޙަތާބެހޭ 24 ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރޭސަސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބޭފުޅުން ވަނީ ދިއްލީ ޑިކްލަރޭޝަނަށް އެއްބަސްވެ، ޞިއްޙީ ދާއިރާއަށް އަންނަ ކުރިއެރުންތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ. މި ސަމިޓުގެ މަޤްސަދަކީ، ހެކިތަކުގެ މައްޗަށް ބިނާކޮށް، ސަޤާފީ ބޭސްވެރިކަން އިތުރަށް ހަރުދަނާކޮށް، އާންމު ޞިއްޙީ ނިޒާމުތަކުގެ ތެރެއަށް މި ދާއިރާ ހިމެނުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން