ޚަބަރު
މުޅި ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުގަދަވާނެ ކަމަަށް ލަފާކޮށްފި
މޫސުން ގޯސް ދުވަހެއް. ފޮޓޯ: ސަން
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރާނެ ކަމަށާއި، މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން މިއަދު ލަފާކޮށްފިއެވެ.
މި ދަނޑިވަޅުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
މޫސުމަށް ލަފާކުރާ ގޮތް ހާމަކުރައްވަމުން މެޓް އޮފީހުން ވިދާޅުވީ، އެވްރޭޖްކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވައިގެ ބާރު މިނަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނު އަތޮޅުތަކަށް 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެއެވެ. ހާއްސަކޮށް ވިލާގަނޑުގައި ހުރިހާ ސަރަހައްދަކަށްވެސް 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ އަންގާފައެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، މެދުރާއްޖެ ތެރޭގެ ރަށްތަކަށް ކުރިއަށް އޮތް 24 ގަޑިއިރުވެސް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެއެވެ. އަދި ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވެއެވެ. އުތުރާއި ދެކުނު ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އެ ސަރަހައްދުތަކުގެ ކަނޑުތައްވެސް އިތުރަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
މިހާރު ދައްކާގޮތުން މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ ހަފުތާ ބަންދަށް ފަހު، އެބަހީ އާދީއްތަ ދުވަހުގެ ފަހުން ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.