ޚަބަރު
މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފި
މޫސުން ގޯސް ދުވަހެއް.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ ޅ.އަތޮޅުން ފެށިގެން ވ.އަތޮޅާ ހަމައަށް ހަވީރު 4:00އާ ހަމައަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރީނދޫ ސަމާލު ނެރެފައިވާ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ހާމަކުރައްވައެވެ.
މެޓް އޮފީހުން އިތުރަށް ލަފާކުރައްވާ ގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުން މިދަނީ އިރުވައި މޫސުން ފެށިގެން ކުރާ ވިއްސާރައެވެ. މެދުރާއްޖެ ތެރޭގެ ރަށްތަކަށް ކުރިއަށް އޮތް 24 ގަޑިއިރުވެސް ކަނޑުތައް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ އުތުރާއި ދެކުނު ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ނަމަވެސް ވިލާގަނޑުގައި އެ ސަރަހައްދުތަކުގެ ކަނޑުތައްވެސް އިތުރަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. މޫސުން އަލިވާނެ ކަމަށް މިހާރު ދައްކާގޮތުން ލަފާކުރެވެނީ އަންނަ އާދިއްތަ ދުވަހުގެ ފަހުންނެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ސަލާމަތީ ޚިދުމަތްތައް (އެމްއެންޑީއެފް ކޯސްޓްގާޑް) އިން ވަނީ އިލްތިމާސްކުރައްވާފައެވެ. ދަތުރުކުރުމުގެ ކުރިން މޫސުމަށް ސަމާލުވުމަށް އެ އިދާރާތަކުން އިރުޝާދު ދެއްވައެވެ.